އިންސާނުންނަކީ އާޚިރަތަށްޓަކައި ދުނިޔޭގައި އުޅޭ ބަޔަކަށްވާންޖެހޭއިރު، އާޚިރަތް ހޯދުމަށް މަސައްކަތްކުރަނީ ވަރަށް މަދު ބަޔަކު ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
އާޚިރަތް ދުވަހަކީ ދުންޔަވީ ޙަޔާތް ނިމޭ ދުވަސް ކަމަށާއި މި ދުވަސް އަންނާނެ ވަގުތެއް މާތްﷲ ފިޔަވައި އެއްވެސްފަރާތަކަށް އެނގިގެންނުވާ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ. އަދި އެ ދުވަހު އުޑުތަކާއި ބިންގަނޑު ފަޅައިގެންގޮސް އިރުގެ އަލި ނެތިގެން ދާއިރު އެއްވެސް ތަރުޖަމާނަކާ ނުލައި މާތްﷲ ކޮންމެ މީހަކާ ވެސް އެދުވަހު ބަސް ވަޙީކުރައްވާނެއެވެ.
މިއަދުގެ ޚުތުބާގައި މާއްދިއްޔަތަށް ގޮސް ހުސްވެ، ދުނިޔެ ހޯދުމުގައި އުޅެނިކޮށް، އެ ބަޔެއްގެ އަޖަލާ ބައްދަލުކުރަނީ ކިތައް މީހުންތޯ ވަނީ ސުވާލުކޮށްފައެވެ. އަދި ގިޔާމަތް ދުވަހުގެ ބިރުވެރިކަމުން ފިލައިގެން ދެވޭނޭ ހަމަ އެކަކު ވެސް ނުހުންނާނެ ކަމަށް ބުނެފައިވެއެވެ.
މީގެއިތުރުން، މާތްﷲ ގެ ޤުދުރަތްތެރިކަން އެކަލާނގެ އަޅުތަކުންގެ މައްޗަށް ޝާމިލުވެގެންވާ ކަމަށާއި ކޮންމެ ތަނެއްގައި ކޮންމެ ގޮތަކަށް މީހަކު ދުނިޔެ ދޫކޮށްފައި ވިޔަސް އެކަލާނގެ އެމީހަކު މަޙްޝަރުކުރައްވާނެ ކަމަށާއި ޤިޔާމަތްދުވަހު އެންމެން އެއްތަންކުރެއްވުމަކީ މާތްﷲ އަށް ދާދި ފަސޭހަކަމެއް ކަމުގައި ބުނެފައިވެއެވެ.
ޤިޔާމަތް ދުވަހަކީ، ބިރުވެރިކަމުން ފުރިގެންވާ ދުވަހެއްކަން ފާހަގަކޮށް ޚުތުބާގައި ބުނެފައި ވަނީ އެ ދުވަހުން އުފާވެރިކަންހުރީ ހެޔޮ ޢަމަލުކޮށްއުޅުނު މީހާއަށް ކަމަށެވެ. އެދުވަހަކީ ރަޙިމުގެ ގުޅުމަކުން ނުވަތަ ބައިބޮޑުކަމަކުން މަންފާއެއް ކުރާ ވަރަށްވުރެ ބިރުވެރި ދުވަހެއް ކަމަށާއި އިންސާނާ އެންމެ ލޯބިވާ މައިންބަފައިންނާއި، އަނބިދަރީންނާއި، އެއްބަނޑު އެއްބަފާ މީހުން، ގޮތް ހުސްވެފައިވާ ޙާލުގައި ފެނުނަސް އެއްވެސް ފަރުވާލެއް ނުބަހައްޓާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
އެހެންނަމަވެސް ހިތާމައަކީ، މަދުން ނަމަވެސް މިމުޖުތަމަޢުގައި މާތްﷲ ގެ ނަބިއްޔާ ﷺ އަށް ފުރައްސާރަކޮށް، އެކަލޭގެފާނު ދެއްކެވި މަގުން ހިނގާ މީހުންނަށް މަލާމާތްކުރާ މީހުން ތިބުންކަން ފާހަގަކޮށް އެ ފަދަ މީހުން ވަގުތު ފާއިތުވުމުގެ ކުރީން މާތްﷲ އަށް ތައުބާވެ، އެކަލާނގެ މަގަށް ރުޖޫޢަވުމަށް ޚުތުބާގައި ވަނީ ގޮވާލައިފައެވެ.
ޤިޔާމަތް ދުވަހު ހިސާބު ބެއްލެވި އަމަލުތައް ވަޒަން ކުރެވޭނެކަމަށް ޚުތުބާފައި ބުނެފައިވެއެވެ. އަދި، ބުއްދިވެރި މީހަކީ ތިމާގެ ނަފުސު ހިސާބުކޮށް އަމަލުތައް ވަޒަންކޮށް އަންނަން އޮތް ދުވަހަށް ތައްޔާރުވާ މީހާ ކަމަށާއި ނުކުޅެދުންތެރިއަކީ، ހަވާނަފުސަށް ތަބާވެ، މާތްﷲ ގެ ޙަޟްރަތުން ފޮނި އުންމީދުކުރާ މީހާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި ވަނީ މިއަދު މިމުޖުތަމަޢުގައި އެކަކު އަނެކަކަށް އިޙްތިރާމުކުރުމާއި، އަޅައިލުމާއި އޯގާތެރިވުންފަދަ ކަންކަން ހިތާމަކުރަންޖެހޭ މިންވަރަށް ދަށްވެ، އިސްލާމްދީނުގައި ދަސްކޮށްދީފައިވާ ގޮތާ ޚިލާފަށް އެކަކު، އަނެކަކުގެ މައްޗަށް ދޮގުތައް ހަދައި ޣީބަބުނެ، އާޑަފުރައްސާރަކޮށް، އޭނާގެ އަބުރު ކަތިލާ މަންޒަރު ފެންނަކަން ފާހަގަކޮށްފައެވެ. އެގޮތުން މީސްމީޑިޔާއާއި، ޚަބަރު ފަތުރާ ވަސީލަތްތައް ބޭނުންކޮށްގެން މި ފަދަ ބޮޑެތި ފާފަތަކަށް އަރައިގަންނައިރު، މިއީ ކިހާވަރެއްގެ ނުބައިކަމެއްކަން ނުވިސްނޭކަން ފާހަގަކޮށް މާތްﷲއަށް ބިރުވެތިވާ ނަމަ، މި ފަދަ ކަންކަމުން ދުރުހެލިވެ، ރައްކާތެރިވާން ޚުތުބާގައި ވަނީ ގޮވާލައިފައެވެ.
މިއަދުގެ ޚުތުބާގައި، ގިޔާމަތްދުވަހުގެ ބިރުވެރިކަމަށް އަލިއަޅުވާލައި، ބުނެފައި ވަނީ ކީރިތި ރަސޫލާ ﷺ ގެ ހަދީޡް ބަސްފުޅުން އެނގޭ ގޮތުގައި އިންސާނާ ކިތަންމެ ގިނަ ހެޔޮކަމަކާއިގެން މާތްﷲ އާއި ބައްދަލުކުރިޔަސް، މީސްތަކުންގެ ޙައްޤުތަކަށް އޭނާ ރައްކާތެރި ނުވެއްޖެ ނަމަ، އެ ހެޔޮ ޢަމަލަކުން އޭނާއަށް ކުރާނެ އެއްވެސް މަންފާއެއް ނޯންނާނެ ކަމަށެވެ.




