އޭޑީކޭ ޖެނެރަލް ހޮސްޕިޓަލުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވަމުންދާތީވެ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
އޭޑީކޭއިން ބުނެފައިވާ ގޮތުގައި މި މެސެޖުތަކަކީ އޭޑީކޭގެ ރަސްމީ އެސްއެމްއެސް ހޭންޑަލް މެދުވެރިކޮށް ފޮނުވަމުންދާ ސްކޭމް މެސެޖުތަކެކެވެ.
އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި އޭޑީކޭއިން ވަނީ މި މެސެޖުތަކުގައިވާ އެއްވެސް ލިންކެއް ނުފިއްތުމަށާއި، އެއްވެސް ޒާތީ މަޢުލޫމާތެއް ހިއްސާނުކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.
މި މެސެޖުތަކަކީ ފަރުދުންގެ މުހިންމު މަޢުލޫމާތު ވަގަށްނެގުމަށް ކުރެވޭ މަކަރުވެރި މަސައްކަތެއްކަން އޭޑީކޭއިން ފާހަގަކޮށްފައިވެއެވެ.
އޭޑީކޭއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލަ ހައްލުކުރުމަށް މިހާރު ވަނީ މަސައްކަތް ފަށާފައެވެ. އަދި މި މައްސަލައާ ގުޅިގެން އަމިއްލަ ރައްކާތެރިކަމަށް ފިޔަވަޅު އެޅުމަށް އާންމުންނަށް އިރުޝާދު ދީފައިވެއެވެ.
އޭގެ ތެރޭގައި، އަމިއްލައަށް ނުފޮނުވާ މެސެޖުތަކާމެދު، ޚާއްޞަކޮށް ރަސްމީ ފަރާތްތަކުންކަމަށް ބުނެ ފޮނުވާ މެސެޖުތަކާމެދު ސަމާލުވުމަށާއި، އެސްއެމްއެސް މެދުވެރިކޮށް ލިބޭ އެއްވެސް މަޢުލޫމާތެއް ރަސްމީ ޗެނަލްތައް މެދުވެރިކޮށް އޭޑީކޭއާ ސީދާ ގުޅައިގެން ޔަޤީންކުރުމަށް އިރުޝާދު ދީފައިވެއެވެ. އަދި އެސްއެމްއެސް މެސެޖުތަކަށް ޖަވާބުދިނުމުގައި ޕާސްވޯޑު، ބޭންކު އެކައުންޓު ނަންބަރު، ނުވަތަ ކްރެޑިޓް ކާޑު މަޢުލޫމާތު ފަދަ އަމިއްލަ މަޢުލޫމާތު އެއްވެސް ޙާލެއްގައި ހާމަނުކުރުމަށްވެސް އޭޑީކޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
މި މައްސަލައިގެ ސަބަބުން ކުރިމަތިވެދާނެ އެއްވެސް އުނދަގުލަކަށް އޭޑީކޭއިން ވަނީ މަޢާފަށް އެދިފައެވެ.



