ރައީސް ޑރ. މުޙައްމަދު މުޢިއްޒު ލުބުނާންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ބޮޑުވަޒީރު މުޙައްމަދު ނަޖީބު ޢަޒްމީ މިކާތީއަށް ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުއްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ބޮޑުވަޒީރަށް ފޮނުއްވި މެސެޖުގައި ރައީސް ޑރ. މުޢިއްޒު ވަނީ ލުބުނާންގެ ސަރުކާރަށާއި އެ ޤައުމުގެ ރައްޔިތުންނަށް ހެޔޮ އެދުންތައް ފޮނުއްވާފައެވެ. މީގެ އިތުރުން، ދިވެހިރާއްޖެއާއި ލުބުނާންއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ އުންމީދު ފާޅުކުރައްވާފައިވެއެވެ.
ރައީސް މުޢިއްޒުގެ މެސެޖުގައި، މި ދަތި ދަނޑިވަޅުގައި ލުބުނާންގެ މިނިވަންކަން ފާހަގަކުރާއިރު ދިވެހިރާއްޖެއިން ލުބުނާންއަށް ދެމުންދާ އެހީތެރިކަމާއި އެއްބާރުލުން އަބަދުވެސް ދެމިއޮންނާނެކަން ކަށަވަރުކޮށްދެއްވާފައިވެއެވެ. އަދި ލުބުނާންގެ ބޮޑުވަޒީރުގެ ޞިއްޙަތާއި ދުޅަހެޔޮކަމަށާއި، ލުބުނާންގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައިވާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ލުބުނާންގެ މިނިވަން ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ނޮވެމްބަރ 22 ވަނަ ދުވަހުއެވެ. މި ދުވަހަކީ 1943 ވަނަ އަހަރު ލުބުނާން ފްރާންސްގެ ބާރުގެ ދަށުން މިނިވަންވި ދުވަހެވެ. ދިވެހިރާއްޖެއާއި ލުބުނާންއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކޮށްފައިވަނީ 1988 ވަނަ އަހަރުއެވެ



