ފުލުހުންނަކީ ހަމައެކަނި ގާނޫނު ތަންފީޒުކުރުމަށް ތިބޭ ބައެއް ނޫން ކަމަށާއި ގާނޫނަށް ތަބާވާ އަހުލާގު ރަނގަޅު ގާބިލު އަދި ނަމޫނާ ބަޔަކަށް ވާން ޖެހޭ ކަމަށް، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
ނެޝަނަލް ކޮލެޖް އޮޕް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުން ހިންގި ބައެއް ކޯސްތައް ނިންމި ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން މާރިޔާ ވަނީ ފުލުހުންނަކީ މިފަދަ ގާބީލު ބަޔެއްކަން ކަށަވަރުކުރުމަށް މަތީ ތައުލީމާއި ތަމްރީނުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މާރިޔާ ވިދާޅުވީ ރާއްޖޭގައި މިވަގުތު ތަންފީޒުކުރަމުންދާ މަތީ ތައުލީމުގެ މަންހަޖުގެ ތެރެއަށް، ސައިބާ ކުށްތަކާއި ޑިޖިޓަލް އަދި ފޮރެންސިކްގެ ދާއިރާ ފަދަ ދާއިރާތައް ހިމެނުމުގެ މަސައްކަތް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މިހާރު ކުރަމުންދާ ކަމަށެވެ.
”މި ތަމްރީނުތަކަކީ ޒަމާނީ ކުށްތަކާއި، ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ބޭނުންވާ އިލްމާއި ހުނަރު އޮފިސަރުންނަށް ލިބޭނެ ތަމްރީނުތަކެއް. އަދި މި ތަމްރީނުތައް ވެގެންދާނީ، މަތީ ތައުލީމުގެ ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި އެންމެ ޒަމާނީ އުކުޅުތަކާއި ޒަމާނީ ވަސީލަތްތައް ބޭނުންކުރުމަށް މަގުފަހިކޮށްދޭ ވަސީލަތަކަށް“ މާރިޔާ ވިދާޅުވި އެވެ.
މީގެއިތުރުން، ހުރިހާ ފުލުހުންނަށް ވެސް ހަމަހަމަކަމާއެކު މަތީ ތައުލީމުގެ ފުރުސަތު ފަހިކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އަންހެން އޮފިސަރުންނަށާއި އަތޮޅު ތެރޭގެ ރަށްރަށުގައި ތިބި އޮފިސަރުންނަށް ވެސް މަތީ ތައުލީމުގެ ފުރުސަތު ފަހިކުރުމަށް މަސައްކަތް ކުރަމުންދާކަން ވެސް މާރިޔާ ވަނީ ފާހަގަކުރައްވާފައެވެ.
މިރަސްމިއްޔާތުގައި ނެޝަނަލް ކޮލެޖް އޮޕް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުން ހިންގި ހަތަރު ކޯހަކުން 297 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.




