އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ހާޝިމް އަބޫބަކުރު ގެއަށް ބަދަލުކޮށްފިއެވެ.
ހއ. ހޯރަފުއްޓަށް ނިސްބަތްވާ ހާޝިމް މިމައްސަލައާ ގުޅިގެން 12 އަހަރަށް ޖަލަށްލާން ހުކުމް ކުރީ 2022 ވަނަ އަހަރު ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގައެވެ. ނަމަވެސް އޭނާގެ ބަންދަށް މިހާރު ލުޔެއް ދީފައިވާތީ އެކަމާ ގުޅިގެން މީސްމީޑިއާގައި ބައެއް މީހުން ދަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިކަމާ ގުޅޭގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހާޝިމް ގޭ ބަންދަށް ބަދަލުކުރީ ޑޮކްޓަރު ދީފައިވާ އިރުޝާދާ އެއްގޮތަށް ޖަލުގައި އޭނާއަށް ބެސްފަރުވާ ނުދެވޭތީ ކަމަށެވެ.
އެގޮތުން ޖަލަށްލާން ހުކުމްކުރި އިރު ވެސް އުނަގަނޑުގެ މައްސަލައެއްގައި ހާޝިމް ދިޔައީ ވޭން ތަހައްމަލުކުރަމުން ކަމަށާއި އެކަމަށް، ރާއްޖޭގައި ސާޖަރީ ކުރެވެން ނެތް ކަމަށް ޑޮކްޓަރުން އެންގުމުން، ހާޝިމް ރާއްޖެ އިން ބޭރަށް ބޭސްފަރުވާއަށް ދިއުމުގެ ހުއްދަ މެޑިކަލް ބޯޑުން އޮގަސްޓް 5، 2024 ގައި ދީފައިވާ ކަމަށް ކަރެކްޝަންސްގެ ބަޔާނުގައިވެއެވެ.
ފަރުވާއަށްފަހު ހާޝިމް އަނބުރާ ރާއްޖެ އައިސްފައިވަނީ ސެޕްޓެމްބަރު މަހުގެ 16 ގައި ކަމަށާއި ނަމަވެސް އޭނާގެ ބަލި ހާލަތު ހުރި ގޮތުން ޑޮކްޓަރު ދީފައިވާ ލަފަޔާ އެއްގޮތަށް ޖަލުގައި ފަރުވާ ނުދެވޭތީ ހުކުމް ތަންފީޒުކުރުން ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކުރީ ކަމަށް ކަރެކްޝަންސްގެ ބަޔާނުގައި ބުނެފައިވެއެވެ.



