މިފެށޭ 2025 ވަނަ އަހަރު އެންމެ އިސްކަމެއް ދޭނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ހުރިހާ އުމުރުފުރާއެއްގެ މީހުންވެސސް ނަމާދަށް އަހުލުވެރިކޮށް، ނަމާދަށް އަހުރުލުވެރިވާ މުޖުތަމަޢުއެއް ބިނާ ކުރުވުމަށް ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އެގޮތުން ފޭސްބުކް މެދުވެރިކޮށް މީޑިއާތަކާއި ހިއްސާ ކުރެއްވި މެސެޖެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ 2025 ވަނަ އަހަރު އިސްލާމީ މިނިސްޓްރީގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްލޭނުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ހުރިހާ ސަރަހައްދެއްގައި ވެސް ހުރިހާ އުމުރުފުރައަށް އަމާޒުކޮށް ނަމާދު ކުރަން އަހުލުވެރިކުރުވުމަށާއި ނަމާދަށް ލޯބި ޖެއްސުމަށް ކަމަށެވެ.
ކުޑަކުދިންނާއި ޒުވާނުންގެ ހިތުގައި އިސްލާމް ދީނަށް ލޯބި ޖައްސާ ދީނީ ކަންތައްތަކަށް އަހުލުވެރިކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެސް އެންމެ މުހިންމު އެއް ސިޔާސަތެވެ.
އެގޮތުން ނަމާދުގެ ޖަމާޢަތްތައް މިހާރަށްވުރެ އިތުރުވެ، ފަތިސް ނަމާދަށް ހޭލާ ރާއްޖެއެއް ދެކެވަޑައިގަތުމަށް އެމަނިކުފާނު ވެސް ވަރަށް ބޭނުންފުޅުވާ ކަމަށް އެކި ރަސްމިއްޔާތުތަކުގައި ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.




