އިސްލާމީ ޢަރަބި ޤައުމުތަކާއި ރާއްޖެއާ ވަރަށް ގާތްކަން އެބައޮތް ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ އިން ގެނެސްދޭ ”ހަފްތާ 52“ ޕްރޮގްރާމުގައި ބައިވެރިވަޑައިގެން ވަޒީރު ޝަހީމް ވިދާޅުވީ އިސްލާމީ ޢަރަބި ޤައުމުތަކާއި ރާއްޖެއާ ވަރަށް ގާތްކަން އެބައޮތް ކަމަށާއި ޚާއްސަކޮށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތުމާއެކު އިސްލާމީ ޤައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް މަސައްކަތް ކުރެއްވި ކަމަށެވެ.
އެގޮތުން އެކި ވުޒާރާތަކުން މަސައްކަތް ކުރައްވަނީ އެކި މުއައްސަސާތަކާއެކުގައިކަން ފާހަގަ ކުރައްވާ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ވިދާޅުވީ ރާއްޖޭގެ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާއި ސައުދީ އަރަބިއާގެ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާއި، ކުވައިތާއި ޤަތަރުގެ އިތުރުން އެހެންވެސް ވަރަށް ގިނަ އިސްލާމީ ޤައުމުތަކުގެ މުއައްސަސާތަކާއި ރާއްޖެއާ ގުޅުން ރަނގަޅު ކަމަށެވެ.
”މިހާރުވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ބޭރުގެ އެހީތެރިކަން ހޯދައިގެން އިތުރަށް 30 ވަރަކަށް ރަށްތަކުގައި މިސްކިތް އަޅަން“ ޑރ. ޝަހީމް ވިދާޅުވިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު އިތުރަށް ވިދާޅުވީ ރާއްޖޭގައި ބައުވެ ވީރާނާވެފައިވާ މިސްކިތްތަށް ވެސް އެބަހުރި ކަމަށާއި ބޭރުގެ އެހީތެރިކަމާއެކު އެ މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާނެ ކަމަށެވެ.



