ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ފުރަތަމަ އެއް ލައްކަ މެންބަރުން ހަމަކުރާ ޕާޓީއަކަށް ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީ ވެގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެ ޕާޓީގެ ޗެއާޕަރސަން އަބްދުއްރަހީމް އަބދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ކަންކަން ބައްލަވާލެއްވުމަށް ދަރުބާރުގެއަށް ވަޑައިގެން މީޑިއާތަކާއި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އެ ޕާޓީއަށް މެންބަރުން އިތުރުކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ފުރަތަމަ ކަނޑައެޅުއްވި އަމާޒު މިހާރު ހާސިލްވެފައިވާ ކަމަށާއި އެގޮތުން ބައި ލައްކައަށްވުރެ ގިނަ މެންބަރުން އެ ޕާޓީއަށް މިހާރު އިތުރުކުރެވިފައިވާ ކަމަށެވެ.
”ޕާޓީއަށް 97،000 ފޯމު ލިބިފައި އެބަހުރި. އެތޭރޭގެ ދަފްތަރު ކުރެވިފައި އެބަވޭ 75،000 އަށް ވުރެ ގިނަ މެންބަރުން. އިލެކްޝަންސް ކޮމިޝަންގެ ޕްރޮސެސް ތެރެއިން އިތުރުވަމުންދަނީ ހަފްތާއަކުން ހަފްތާއަކުން. ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި 100،000 މެންބަރުންނާއެކު ހަރަކާތްތެރިވާ ފުރަތަމަ ސިޔާސީ ޕާޓީއަށް ޕީއެންސީ ވާނެ.“ ޕީއެންސީގެ ޗެއާޕަރސަން ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ޢަބްދުއްރަހީމް ވިދާޅުވީ ޕީއެންސީ ހިންގުން އިތުރަށް ހަރުދަނާ ކުރެއްވުމަށް ރައީސް މުޢިއްޒު އިސްކަން ދެއްވާ ކަމަށާއި އެގޮތުން މިހާރު އެ ޕާޓީއަށް ލިބެމުންދާ ކާމިޔާބީތަކުން ރަމްޒު ކޮށްދެނީ ރައްޔިތުން އެ ޕާޓީއާއި ރައީސް މުޢިއްޒު ބަލައިގެންފައިވާ މިންވަރު ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.



