އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު އެ ކޮމިޝަންގެ ދައުރު ފުރިހަމަ ކުރައްވައިފިއެވެ. އެގޮތުން މިއަދަކީ އެ ކޮމިޝަންގައި އެމަނިކުފާނުގެ ފަހު ދުވަސްކަމަށް ފުއާދު ވަނީ ވިދާޅުވެފައެވެ.
އީސީގެ މެންބަރު ކަމަށް ފުއާދު އައްޔަނު ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އަދި އެކޮމިޝަންގެ ރައީސްކަމަށް އެމަނިކުފާނު އައްޔަނު ކޮށްފައިވަނީ 2021 ވަނަ އަހަރުގައެވެ. ފުއާދު އީސީގެ ދައުރު ހަމަކުރެއްވިއިރު ވެސް ހުންނެވީ އެ ކޮމިޝަންގެ ރައީސް ކަމުގެ މަގާމުގައެވެ.
މީގެ ކުރިން 2008 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް ވެސް އީސީގެ ރައީސްކަމުގެ މަގާމު އަދާކުރައްވާފައިވާ ފުއާދު ވަނީ ގިނަ ޕާޓީތައް އެކުލެވޭ ސިޔާސީ ޕާޓީތަކާ އެކު ރާއްޖެ ފަށައިގެން ދަތުރުގައި ގިނަ ތަޖުރިބާތަކެއް ކުރައްވާފައެވެ.
ޚާއްސަކޮށް ރާއްޖޭގެ ސިޔާސީ މަސްރަހު އެންމެ ހަލަބޮލި ދުވަސްވަރުގައި ވެސް އެމަނިކުފާނު ހިތްވަރާއެކީ އެމަނިކުފާނުގެ މަސްއޫލިއްޔަތު އަދާކުރެއްވިއެވެ.
ދައުރު ހަމަވުމުގެ ފަހު ދުވަހު މީސްމީޑިއާގައި ފުއާދު ތައުފީގު ހިއްސާ ކުރެއްވި މެސެޖެއްގައި ވަނީ އެމަނިކުފާނުގެ ކުރީގެ ދައުރުގައާއި ފަހުގެ ދައުރުގައި މަސައްކަތް ކުރި މުވައްޒަފުންނަށާއި އެމަނިކުފާނަށް އެއްބާރުލުން ދިން އެންމެންނަށް ޝުކުރު އަދާ ކުރައްވާފައެވެ.



