މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްޤީ ކުރުމަށް ބޭނުންވާ ފީސިބިލިޓީ ސްޓަޑިގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.
މި މަސައްކަތަކީ ޗައިނާގެ ސިޑްކާއާއި ގުޅިގެން މިމަހުގެ 5 ވަނަ ދުވަހު ފަށާފައިވާ މަސައްކަތެކެވެ.
މި މަސައްކަތް ނިމުމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީން ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޗައިނާ ސަރުކާރުން އެ މަސައްކަތަށް ކަނޑައެޅި އެކްސްޕާޓް ޓީމުތަކާއި ކަމާ ގުޅުންހުރި ފަރާތްތަކާ އެކު މަޝްވަރާކޮށް، މާލެ އާއި ވިލިމާލޭގެ މަގުތަކުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހު ނިންމާލާފައިވާ ކަމަށެވެ.
އެގޮތުން އެ ޓީމުން މިހާރު ވަނީ މާލެ އާއި ވިލިމާލެ މަގުތަކުގެ ވެސް ފީސިބިލިޓީ ޓެސްޓްގެ މަސައްކަތް މިނިސްޓްރީގެ ޓެކްނިކަލް ޓީމާ ގުޅިގެން ނިންމާލައިފައި ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މީގެއިތުރުން އެ މިނިސްޓްރީން ބުނެފައިވަނީ މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ޗައިނާއާއި ގުޅިގެން ސަރުކާރުން ހިންގަމުންދާ އެ މަޝްރޫއުގައި ދެން ކުރިއަށްދާނީ ޑިޒައިން މަރުހަލާގެ މަސައްކަތް ކަމަށެވެ.
މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްޤީ ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން ހިމެނިގެންވާ ވައުދެކެވެ.



