2028 ވަނަ އަހަރު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ޗެއާޕަރސަން ފައްޔާޒް އިސްމާއިލް ވާދަކުރައްވަން ނިންމަވައިފިއެވެ.
ފައްޔާޒް މިކަން އިއުލާނު ކުރައްވާފައިވަނީ އެމްޑީޕީގެ ޖީއެމް ވަޓްސްއެޕް ގްރޫޕުގައެވެ. އެގޮތުން ފައްޔާޒި ވިދާޅުވެފައިވަނީ 2028 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނު ވާދަ ކުރައްވަން ނިންމަވާފައިވާ ކަމަށާއި އެމަނިކުފާނަށް ތާއީދުކޮށްދެއްވުމަށެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރައްވާފައިވާ ފައްޔާޒަކީ ޤާނޫނީ ވަކީލެއް ވެސް މެއެވެ. މީގެއިތުރުން އެމަނިކުފާނު ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ލ. ގަން ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައެވެ.
މިދިޔަ ހަފްތާގައި ދެއްވި އިންޓަވިއު އެއްގައި ފައްޔާޒު ވަނީ ރާއްޖޭގެ ވެރިކަން ކުރެއްވުމުގެ ޝައުޤުވެރިކަން ހުންނެވި ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޭރު ވިދާޅުވީ 2028ގައި ވާދަކުރައްވާނެ ކަމާ މެދު ގޮތެއް ނުނިންމަވާ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ފައްޔާޒްގެ އިތުރުން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އާއި ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވެސް ވާދަ ކުރައްވަން ގަސްދުކުރައްވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. ނަމަވެސް އެކަން އަދި އެއްވެސް ބޭފުޅަކު ހާމަކުރައްވާފައެއް ނުވެއެވެ.



