ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއަށް ވެސް އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ޗެއާޕަރސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. އަބްދުއްރަހީމް މިހެން ވިދާޅުވެފައިވަނީ އިއްޔެ ބޭއްވި ޕީއެންސީގެ އެތެރޭގެ އިންތިހާބަށްފަހު ރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ދާދި ފަހުން ރާއްޖެޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ރައީސް ޔާމީން ވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން އެމަނިކުފާނު ޖަލަށް ނުލައި ހުރިނަމަ، އެ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމުގެ އިޝާރާތެއް ކުރައްވާފައެވެ.
ރައީސް ޔާމީން އިންތިހާބުގައި ވާދަ ކުރެއްވުމާމެދު ދެކެވަޑައިގަންނަވަނީ ކިހިނެއްތޯއާއި އެމަނިކުފާނު ވާދަ ކުރައްވައިފިނަމަ އެއްވެސް ގޮންޖެހުމަކާ ކުރިމަތި ވެދާނެތޯ ނޫސްވެރިއަކު ވަނީ ޕީއެންސީގެ ޗެއާޕަރސަންއާ ސުވާލު ކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ވެރިކަމަށް ކުރިމަތިލުމަކީ، ނުވަތަ އެ އިންތިހާބަށް ކުރިމަތިލުމަކީ އެކަމުގެ ޝަރުތު ހަމަވާ ކޮންމެ މީހަކަށް ވެސް އޮންނަ ހައްގެއް ކަމަށެވެ.
”އެހެންވީމަ ރައީސް ޔާމީނަށް ވެސް ހަމަ އެފުރުސަތު އޮންނާނެ. އަޅުގަނޑުމެންގެ އެއްވެސް ކަންބޮޑުވުމެއް ނެތް ރައީސް ޔާމީން ކުރިމަތިލެއްވުމުގައި. ގޮންޖެހުމެއްތޯ ނޫންތޯ ބުނަން، އަދި އެބައޮތް ހަތަރު އަހަރު އެހެންވީމަ އަދި ތަންކޮޅެއް އަވަސް އެއަށް އެއްޗެއް ދަންނަވަން. އެއީ ސިޔާސީ މަސްރަހު ބަދަލުވެގެން ދާނީ ނޭނގި ތިއްބާ“ އަބްދުއްރަހީމް ވިދާޅުވިއެވެ.
މީގެއިތުރުން އެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީން މަސައްކަތް ކުރާނީ އެ ޕާޓީގެ ކެނޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށް އެ އިންތިހާބުވެސް ކާމިޔާބު ކޮށްދެއްވާ، ދެވަނަ ދައުރެއް ފުރިހަމަ ކުރައްވާ ފުރަތަމަ ރައީސަށް އެމަނިކުފާނު ހެއްދުވުމަށް ކަމަށެވެ.



