މިއަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހުގެ ވަގުތެއްގައި މއ. މަސްފަން ގެއަށް މީހަކު ވައްދައި، އެމީހާ ބަރަހަނާކޮށް ތޫނު އެއްޗަކުން ބިރު ދައްކައިގެން ފޭރުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ ތިން މީހުން އެއްއަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ދިވެހި ފިރިހެނަކަށް މިފަދައިން ބިރުދައްކައި ފޭރުނު މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ދިވެހި ދެ ފިރިހެނަކާއި އަންހެނެކެވެ. އެމީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ނިމިދިޔަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.
އެގޮތުން މިމައްސަލައިގައި ޕީޖީން ދައުވާ ކޮށްފައިވަނީ މއ. މަސްފަން އާއިޝަތު (43އ.) އާއި ހަމަ އެގެއިން މުޙައްމަދު ރީހާން (27އ.) ގެ އިތުރުން ސ. ހިތަދޫ ސޯމާ / ޝަފީގު އިބްރާހީމް (35އ.) އެވެ. މި މީހުން ވަނީ ދިވެހި ފިރިހެނަކު ބަންދުކޮށް، އޭނާއަށް އަނިޔާކޮށް ބިރުދައްކައިގެން އޭނާގެ ކޭޝް ކާޑުން 25،000 ރުފިޔާ އަދި އިންޓަނެޓް ބޭންކިން މެދުވެރިކޮށް 20،000 ރުފިޔާ ފޭރިގަނެފައެވެ.
މި ތިން މީހުންގެ މައްޗަށް ތިން ދައުވާއެއްކޮށްފައިވެއެވެ. އެއީ އަނިޔާއެއް ދިނުމާއި، އެނގިހުރެ ހުއްދަނޫން ގޮތެއްގައި މަޢުލޫމާތު ހޯދުމުގެ ކުށުގެ އިތުރުން، ފޭރުމުގެ ކުށުގެ ދައުވާއެވެ.
އަނިޔާއެއް ދިނުމުގެ ކުށުގެ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށްލުމެވެ. ހުއްދަ ނޫން ގޮތެއްގައި މައުލޫމާތު ހޯދުމުގެ ކުށުގެ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ. އަދި ފޭރުމުގެ ކުށުގެ އަދަބަކީ ނުވަ މަހާއި 18 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.
އެހެން ކަމުން މި މައްސަލައިގައި ތިން މީހުންގެ މައްޗަށް ވެސް ކަނޑައެޅޭ އަދަބަކީ އެއް އަހަރާއި ތިން މަހަށް ޖަލަށްލުމެވެ.




