އިލެކްޝަންސް ކޮމިޝަން (އީސީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަސް މެންބަރަކު ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން މިއަދު ނިންމައިފިއެވެ.
އެނގިފައިވާ ގޮތުގައި މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން މިއަދު ކުރިއަށް ގެންގޮސްފައިވަނީ ސިއްރު ބައްދަލުވުމެކެވެ.
ނަމަވެސް އީސީއާއި އޭސީސީގެ މެންބަރުންތަކެއް ވަކިކުރަން އެ ކޮމިޓީން ނިންމަވާފައިވާކަން، ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރަކު ވަނީ ”ސައުވީސް“ އަށް ކަށަވަރު ކޮށްދެއްވާފައެވެ.
އެގޮތުން އެ މެންބަރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން މިއަދު ބޭއްވި ސިއްރު ބައްދަލުވުމުގައި މަގާމުން ވަކިކުރަން ފާސްކުރީ އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް އާއި މެންބަރު ތޯހާ މުހައްމަދު އަދި އިލެކްޝަންސްގެ ނައިބު ރައީސް އަލީ ނަޝާތާއި އެ ކޮމިޝަނުގެ މެންބަރުން ޑރ. މުހައްމަދު ޒާހިރު އަދި މުހައްމަދު އާސިފް ކަމަށެވެ.
މީގެއިތުރުން މިއަދުގެ އެ ބައްދަލުވުމުގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުހައްމަދު ނާސިހު ވަކިކުރުމުގެ މައްސަލަ ވެސް ވަނީ ބަލާފައެވެ. ނަމަވެސް އޭނާއާމެދު ނިންމީ މަގާމުން ވަކި ނުކުރުމަށެވެ.
އީސީގެ ނައިބު ރައީސާއި މެންބަރުންތަކެއް ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ މިދިޔަ މަހު 22 ގައި ވަނީ މައްސަލައެއް ހުށަހަޅާފައެވެ. ނަމަވެސް އެއީ ސީދާ ކޮން ތުހުމަތުތަކެއްކަން އަދި ހާމަކޮށްފައެއް ނުވެއެވެ.



