ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ވިލިމާލެ އާއި ހުޅުމާލޭގައި ފަށައިފިއެވެ.
ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ވަނީ ވިލިމާލެ އީ-ބްލޮކާއި ހުޅުމާލޭގެ އުމަރު ޒާހިރު ބިލްޑިންގްގެ އިތުރުން ހުޅުމާލެ ވިނަރެސް ޓަވަރު 2 ގެ ފުރަތަމަ ފަންގިފިލާއިން އައިޑީ ކާޑުގެ ހިދުމަތް ދޭން ފަށައިފަ އެވެ.
ޑީއެންއާރްއިން މިހާތަނަށް ރާއްޖޭގައި 174 ކަލެކްޓިން ސެންޓަރު ވަނީ ގާއިމުކޮށްފައެވެ.
މީގެއިތުރުން، ފުރަތަމަ ފަހަރަށް އޮންލައިންކޮށް އައިޑީ ކާޑު ހެދުމުގެ މަސައްކަތް 2021 ވަނަ އަހަރު ފަށާފައިވާއިރު، ކުރިން ބޭނުން ކުރަމުން އައި އޮންލައިން ޕޯޓަލްގެ ބަދަލުގައި، އަމިއްލައަށް ކާޑަށް ހުށަހެޅޭގޮތް ހަމަޖެއްސޭގޮތަށް މިދިޔަ އަހަރުގެ މާޗު މަހުގައި އޮންލައިން ޕޯޓަލްއެއް ވެސް ވަނީ ގާއިމުކޮށްފައެވެ.
މީގެއިތުރުން، މިއަހަރުގެ ތެރޭގައި ކާޑު ޕްރިންޓް ކުރުމަށް ފަހު، ޑީއެންއާރުން އެ މީހަކު ހުރި ރަށެއްގެ ކައުންސިލަށް ކާޑު ފޮނުވޭނެ ހިދުމަތް ވެސް ތައާރަފްކޮށްފައެވެ.
މިހާރު އައިޑީ ކާޑު، ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ދ. ކުޑަހުވަދު އާއި ގއ. ވިލިނގިލީގައި ވެސް ފަށާފައިވާއިރު، މިސަރުކާރުން ވަނީ އަންނަ އަހަރުގެ ނިޔަލަށް މުޅި ރާއްޖެ އަށް މިހިދުމަތް ފުޅާކުރަން ނިންމައިފައެވެ.


