ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ)ގެ ކުންފުނިން ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ ލޯނު ނުދެއްކުމުން އެކުންފުނިން ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ ތިން ރަށެއް ވިއްކާލަން ސިވިލް ކޯޓުން ދީފައިވާ ހުއްދައަށް އަމަލުނުކޮށް މަޑު ޖައްސާލުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.
ރީކޯ މޫސާގެ ކުންފުނި ކަމަށްވާ ހެވީލޯޑް މޯލްޑިވްސްގެ ތިން ރަށެއް ވިއްކާލަން ސިވިލް ކޯޓުން ދީފައިވާ ހުއްދަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ނެރެފައިވާ އަމުރުގައި ސިވިލް ކޯޓުން ދީފައިވާ ހުއްދައަށް އަމަލުކުރުން މަޑުޖައްސާލަން އަމުރުކޮށް ބުނެފައި ވަނީ އެ މައްސަލައާ ގުޅިގެން އެ ކޯޓުން ގޮތެއް ނިންމަންދެން އެ ހުއްދައަށް އަމަލުކުރުން ފަސްކުރުމަށެވެ.
ބީއެމްއެލްއިން ވިއްކާލަން އިއުލާން ކޮށްފައިވަނީ ލ. ފަރެސް އައިލެންޑާއި ކުޑަ ފަރެސް އައިލެންޑް އަދި ބޮޑުހުރާ އައިލެންޑެވެ.
މީގެތެރެއިން ފަރެސް އާއި ކުޑަފަރެސްގައި ރަހާ ރިސޯޓް ހިންގަމުންދާ އިރު، ބޮޑުހުރާއަކީ ދަނޑުވެރި ކަމަށް ދޫކޮށްފައި އޮންނަ ރަށެކެވެ. އަދި އެރަށްރަށުގެ ހެޑް ލީޒް ހަމަވަނީ 2064 ވަނަ އަހަރުއެވެ.


