ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޕާޓީ ބަދަލުކުރުމުން މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ތަދައްޚުލުވާން މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިއަދު ނިންމައިފިއެވެ.
އެމްޑީޕީން އާންމުކޮށްފައިވާ ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި ގާނޫނުއަސާސީއަށް ހަވަނަ އިސްލާހު ގެނެސްފައިވަނީ ޑިމޮކްރަސީގެ އަސާސީ ހަމަތަކާއި، ރައްޔިތުންގެ މަޖިލީހުން މީގެ ކުރިން ގާނޫނުތައް ފާސްކުރަމުން ގޮސްފައިވާ އުސޫލުތަކާ ޚިލާފަށެވެ.
މި އިސްލާހުގެ ސަބަބުން ގާނޫނު އަސާސީގެ ބާރު ކެނޑޭނެ ކަމަށް ވެސް އެޕާޓީން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން، ބަޔާނުގައި ދިވެހި ދައުލަތުގެ ހުރިހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމާއި، މި ބާރުތައް ދެމި އޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށް ގާނޫނު އަސާސީގެ ހަތަރުވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަކަން ފާހަގަކޮށް މިއިސްލާހު ގެނެސްފައި ވަނީ އެ މާއްދާއަށް ރިއާޔަތް ކުރުމެއް ނެތި ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.
”…އަދި މި އިސްލާހު ގެނެސްފައި ވަނީ ގާނޫނު އަސާސީގެ 26ވަނަ މާއްދާގެ ދަށުން، ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލުކުރާނެ މަންދޫބަކު ޚިޔާރުކުރުމަށް ރައްޔިތުންނަށް ލިބިފައި އޮތް ހައްގު އެކީ އެކަށް ނިގުޅިގެން ދާގޮތަށެވެ،“ ބަޔާނުގައި އެމްޑީޕީން ބުނެފައިވެއެވެ.
އެހެންކަމުން ގާނޫނު އަސާސީގެ 73ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހު ގާނޫނު އަސާސީ ޚިލާފުކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާ ހުށަހެޅުމަށް މަރުހަބާ ކިޔާކަމަށާއި، އެ މައްސަލައަށް ތަދައްޚުލުވުމަށް ނިންމާފައި ވާކަމަށް އެމްޑީޕީން ބުނެފައިވެއެވެ.
ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާޠިލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ހުށަހަޅެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައި ވަނީ ގާނޫނުއަސާސީއަށް ހަވަނަ އިސްލާހު ގެނެސްފައިވަނީ ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާއާއި އަށްވަނަ މާއްދާއާއި 26 ވަނަ މާއްދާއާއި 75 ވަނަ މާއްދާ އަދި 90 ވަނަ މާއްދާއާ ހިލާފަށް ކަމަށް ބުނެފައިވެއެވެ.




