ޤާނޫނު ތަންފީޒުކުރާ މުއައްސަސާތަކުން ކުރަމުންގެންދާ ބުރަމަސައްކަތްތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޝުކުރު ދަންނަވައިފިއެވެ.
ރައީސް ޑރ. މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދުގެ ވަގުތެއްގައި ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުންވަނީ 468.6 ކިލޯގްރާމުގެ މަސްތުވާތަކެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގެންފައިވާކަން ފާހަގަކޮށް އެމަނިކުފާނު ވިދާޅުވީ މިތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް އެއް ބިލިއަން ދިވެހި ރުފިޔާ ކަމަށެވެ.
ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަކީ މިސަރުކާރުން އެއްމެ އިސްކަންދޭ އެއްކަންތައް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
”މިއަދުގެ ވަގުތެއްގައި ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުންވަނީ 468.6 ކިލޯގްރާމުގެ މަސްތުވާތަކެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގެންފައި. މިތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް އެއް ބިލިއަން ދިވެހި ރުފިޔާ“ ރައީސް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު، ރޭ ދަންވަރު 00:45 ހާއިރު ހދ. މަކުނުދޫގެ ބޭރުން ޝްރީ ލަންކާގެ މަސްބޯޓެއް ކަމަށް ބެލެވޭ ބޯޓެއް ހުއްޓުވައި، ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ހދ. ކުޅުދުއްފުށި ސިޓީގެ ބަނދަރަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވި ކަމަށް ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނަރު އޮފް ޕޮލިސް އަލީ ސުޖާއު ވަނީ ވިދާޅުވެފައެވެ.
އެބޯޓުގައި ޝްރީލަންކާއަށް ނިސްބަތްވާ ފަސް ފިރިހެނުން ތިބި އިރު، އެއުޅަދުން 468.6 ކިލޯގެ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހި ވަނީ ފެނިފައެވެ. މީގެ ތެރޭގައި 344 ކިލޯގެ މެތާއި 124.6 ކިލޯގެ ކޮކެއިން ހިމެނޭކަމަށް ވެސް ސީޕީ ސުޖާއު ވިދާޅުވިއެވެ.
މިމައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކުޅުދުއްފުށީ ޕޮލިސް ގުޅިގެން ދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.
ސީޕީ އިތުރަށް ވިދާޅުވީ މިމައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކުޅުދުއްފުށީ ޕޮލިސް ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.



