ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މި ނޮވެންބަރު މަހު ހާއްސަ އިންސްޕެކްޝަން ތަކެއް ހިންގާފައިވާ ކަމަށެވެ.
އެގޮތުން އިމިގްރޭޝަނުން ވަނީ 5 މައްސަލައަކާއި ގުޅިގެން 5 ބިދޭސީ އަންހެނަކު އަދި އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރަމުންދިއަ 2 ބިދޭސީ ފިރިހެނަކު އެއިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މީގެއިތުރުން، މި މައްސަލަތައް އިތުރަށް ތަހުޤީޤު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މީގެތެރެއިން 3 އަންހެނަކު މިހާރު ޑީޕޯޓުކޮށްފައިވާ ކަމަށް އެއިދާރާއިން ބުނެފައިވެއެވެ. އަދި ބާކީ 4 ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓުގައި ބުނެފައިވެއެވެ.




