ލޯބިވެރިޔާއަށް ބިރުދައްކައި ބްލެކްމެއިލް ކުރި ފުލުހުސްމީހާ އެ މައްސަލައާ ގުޅޭ ހެކި ނައްތާލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މިމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އއ. މަތިވެރި، ފަޒާ، ޒައިދާން މުހައްމަދު، (19އ) އެވެ. އޭނަގެ ބަންދުގެ މުއްދަތު ހަމަވުމުން އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާ 10 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ.
އޭނާގެ ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި ބްލެކްމެއިލް ކުރުމުގެ ކުށް، އޭނާ ކުރި ކަމަށް ތުހުމަތުކުރެވޭ މިންވަރަށް ފުލުހުން ވަނީ ހެކި ހުށަހަޅައިފައެވެ. ހެކީގެ ގޮތުގައި ތަހުގީގީ ބަޔާންތަކާއި އިތުރު ހެއްކާއި ގަރީނާ ހުށަހަޅާފައިވާއިރު، އޭނާ އަތުގައި ހުރި ފޮޓޯތައް ލީކުކޮށްލައި، ބިރު ދެއްކުމުގެ ކަންކަން ހިންގާފައިވާކަން އެނގޭނެ ހެކި ފުލުހުން ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
”މި މައްސަލާގައި މީނާގެ ފޯނު ނައްތާލައި، ހެކި ނައްތާލާފައިވާ ކަމަށް ފުލުހުން ތުހުމަތުކުރޭ، އަދި މިކަމަށް ބާރުދޭ ކޮންމެ ވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވޭ،“ ކޯޓު އަމުރުގައި ބުންޏެވެ.
މިމައްސަލައިގައި މުއްތަހަމް ވަނީ މީހަކު ޖާމިނުކޮށް ކަފާލާތުގެ ދަށުން އޭނާ ދޫކޮށްދިނުމަށް އެދިފައެވެ. އެހެންނަމަވެސް ކޯޓުން ބުނީ މީހަކު ޖާމިނުކޮށް ދޫކޮށްދިނުމަށް އެދިފައިވާ ފޯމު ފުރިހަމަ ނުވާ ކަމަށާއި ޝަރުތު ފުރިހަމަވާކަން އެނގޭނެ ލިޔުމެއް ވެސް ހުށަހަޅާފައި ނުވާތީ، އެ ކަންކަން ފުރިހަމަ ކުރުމުން އަލުން އެކަމާ މެދު ގޮތެއް ކަނޑައަޅާނެ ކަމަށެވެ.



