ތިމާވެށީގެ އެންމެ ބޮޑު ބައްދަލުވުން ކަމުގައިވާ ”ކޮޕް-29″ގައި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ކުރާ ހޭދައަށް ބޭނުންވާ މާލީ އެހީގެ ގޮތުގައި އަހަރަކު 300 ބިލިއަން އެމެރިކާ ޑޮލަރު ދޭން ފާސްކޮށްފިކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ފައިސާ ޤައުމުތަކުގެ ނެޝެނަލް އެޑެޕްޓޭޝަން ޕްލޭންތަކާއި އެން.ޑީ.ސީ ތަންފީޒުކުރުމަށް ބޭނުންކުރެވޭނެ ކަމަށެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ކުރާ ހޭދައަށް ބޭނުންވާ މާލީ އެހީގެ ގޮތުގައި އަހަރެއްގެ މައްޗަށް 1.3 ޓްރިލިއަން ޑޮލަރު ބޭނުންވާނެކަމަށް އެކި ދިރާސާތަކުން ލަފާކުރެވުނުކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިއީ ބޭނުންވާ މިންވަރަށްވުރެ މާ ކުޑަ އަދަދެކެވެ. އަދި މައްސަލައިގެ ޙަޤީޤީ މިންވަރު މިއިން ދައްކުވައި ނުދޭ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
އެހެންނަމަވެސް މިއީ ފެށުން ކަމަށް މވަޒީރު ޠާރިޤް ފާހަގަކުރެއްވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތައް ހައްލުކުރުމުގައި މިހާރު ވެސް މާލީ ޙައްދުތަކަށް ފޯރާފައިވާކަން ފާހަގަކޮށް ވަޒީރު ވިދާޅުވީ މާލީ އެހީއާ ގުޅޭ ގޮތުން ބޮޑު ލަނޑުދަނޑިއެއް ކަނޑައެޅުމުގައި ފަހަތަށް ޖެހުމުގެ މާނައަކީ އިތުރަށް ދަރަންޏަށާއި މާލީ ދަތިތަކަށް ރާއްޖެ ވެއްޓުން ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް އަހަރުތަކުގައި ކޮޕް29 ގައި އެއްބަސްވެފައިވާ ކަންކަން ތަންފީޒުކުރެވޭކަން ކަށަވަރުކުރުން ކަމަށެވެ.



