އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުންގެ މައްޗަށް 19 ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާކަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން އެކުލަވާލި ރިޕޯޓުން ހާމަކޮށްފިއެވެ.
އޭގެތެރޭގައި އީސީގެ ޑޭޓާބޭސްއިން މައުލޫމާތު ނަގައި އެއިން އެޕްލިކޭޝަން ހަދައިގެން ވިއްކާ އަދި އާންމު ރައްޔިތުންގެ މައުލޫމާތު ވިއްކުން ފަދަ ބޮޑެތި ތުހުމަތުތަކެއް އެ ކޮމިޝަންގެ ނައިބު ރައީސް އަލީ ނަޝާތު އަދި އެ ކޮމިޝަންގެ މެންބަރުން ކަމަށްވާ ޑރ. މުހައްމަދު ޒާހިރާއި މުހައްމަދު އާސިފްގެ މައްޗަށް ވަނީ ކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން އިއްޔެ ބޭއްވި ސިއްރު ބައްދަލުވުމުގައި ވަނީ އީސީގެ މި ތިން މެންބަރުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސް ޢަބްދުއްސަލާމާއި މެންބަރު ތޯހާ މުޙައްމަދު މަގާމުން ވަކިކުރަން ނިންމާފައެވެ. މީގެތެރެއިން އޭސީސީގެ މަގާމުން އަބްދުއްސަލާމާއި ތޯހާ މަގާމުން ވަކިކުރުމުގެ ކުރިން މިއަދު ވަނީ އިސްތިއުފާ ދެއްވާފައެވެ.
އީސީގެ ތިން މެންބަރުންގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް:
- އީސީއަށް ބޭނުންވާ ކޮމްޕިއުޓާ ސިސްޓަމްތަކެއް ވަކި ވިޔަފާރި ކުންފުންޏެއް މެދުވެރިކޮށް ހޯއްދެވުން
- ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުން އެ މެންބަރުންނާ ގުޅުން އޮންނަ ވިޔަފާރިކުރާ ފަރާތެއްގެ ކުންފުނިން އީސީއަށް ބައެއް އެއްޗެހި ހޯއްދަވާފައިވޭ
- އީސީގެ މުވައްޒަފުންނާ މުއާމަލާތްކުރުމުގައި އިހްތިރާމް ކުޑަކޮށް އަދި ބޭއަދަބީ ބަހުން ނައިބު ރައީސް ނަޝާތު މުއާމަލާތް ކުރައްވާ
- ކޮރަޕްޝަނަކީ މައްސަލައެއް ނޫން ކަމަަށް ބުނާ ކަމަށާއި ފައިސާއަށްޓަކައި ވޯޓު ވިއްކާނެކަމުގެ ވާހަކަ ދައްކަވައި އެ ކަންކަމަކީ މައްސަލައެއް ނޫން ކަމަށް އެ މެންބަރުން ވިދާޅުވޭ
- އީސީގެ އިސް ބައެއް މުވައްޒަފުން ނައިބު ރައީސް ނަޝާތު ކޮންޓްރޯލްކޮށްގެން ގެންގުޅުއްވާ ކަމަށާއި އެގޮތުން އެ މުވައްޒަފުންގެ ކެއުމާއި ސައިދިނުމުގެ އިތުރުން އެކި ގޮތްގޮތުން އެ މުވައްޒަފުންނަށް މަންފާ ހޯއްދަވައިދެއްވާ
- ވަކި ސިޔާސީ ޕާޓީއެއް އުފައްދަން ސޮއިކުރި މެންބަރުންގެ ލިސްޓެއް ރައީސް އޮފީހުގެ އިސްވެރިންނަށް ފޮނުއްވައި އެ ޕާޓީ އުފެއްދުމަށް ހުރަސްއެޅުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދެވި
- ވަކި ވިޔަފާރި ކުންފުންޏަކާ އެކު ސިއްރު މުއާމަލާތްކުރައްވައި އީސީއަށް ބޭނުންވާ އައިޓީއާ ގުޅުންހުރި ސާމާނު އެ ފަރާތް މެދުވެރިކޮށް ހޯއްދަވައި އެއިން ކޮންމެ މުއާމަލާތަކުން ބޮޑު އަދަދަކުން މި ތިން މެންބަރުން ހޯއްދަވާފައިވޭ
- ކޮމިޝަންގެ ބައެއް މުވައްޒަފުންނާއި ނަޝާތު ލޯބީގެ ގޮތުން ގުޅުން ބޭއްވެވި
- ކޮރަޕްޝަންގެ އަމަލުތަކުގައި ބައިވެރިނުވާ މުވައްޒަފުންނަށް ނަޝާތު ބިރުދައްކާ ކަމަށާއި ބައެއް މުވައްޒަފުންނާ ޒާތީ ގޮތް ބަހައްޓަވާ
- އީސީގެ ޑޭޓާބޭސް އިން މައުލޫމާތު ނަގައިގެން އެޕްލިކޭޝަންތައް ހަދައި އެ އެޕްލިކޭޝަންތައް ނަޝާތު ވިއްކައި އޭގެ އެކްސެސް ބައެއް ސިޔާސީ ޕާޓީތަކަށްދީ، މިދިޔަ ރިޔާސީ އިންތިހާބު ވަކި ޕާޓީއަކަށް ކާމިޔާބުކޮށްދެން އެ ތިން މެންބަރުން މަސައްކަތް ކުރައްވާފައިވޭ
- މީގެ ކުރިން ވެސް ރިޔާސީ އިންތިހާބެއްގެ ރީ-ރެޖިސްޓްރޭޝަންގައި މަކަރު ހަދައި އޮޅުވާލުމުގެ އަމަލުތަކެއް މި ތިން މެންބަރުން ކުރައްވާފައިވޭ
- ގަސްދުގައި ވަކި ސިޔާސީ ޕާޓީއެއް އުވާލުމަށް ވަގު ފޯމު ހެދުމުގައި އަމަލީ ގޮތުން މަސައްކަތް ކުރައްވައި އެ ޕާޓީއަށް 3،000 މެންބަރުން ހަމަވިޔަ ނުދޭން މަސައްކަތް ކުރައްވާފައިވޭ
- އެ މެންބަރުން އެދިވަޑައިގަންނަވާ ގޮތަށް އަމަލުނުކޮށްފި ނަމަ ވަޒީފާއިން ވަކިކުރާނެ ކަމަށް ވިދާޅުވެ، ބިޑް ކޮމެޓީ މުވައްޒަފުންނަށް ބިރުދައްކާފައިވޭ
- އެޗުއާރު ސިސްޓަމުން ބޭރުން ވަކި ފޮތެއް ހަދައިގެން ހާޒިރުނުވާ ދުވަސްތަކުގައި ވެސް ހާޒިރުވި ކަމަށް ނޯޓުކޮށް، ހާޒިރުވާ ދުވަސްތަކުގައި ވެސް ގަސްތުގައި ނުބައިކޮށް ގަޑި ޖައްސާފައިވޭ
- އީސީގެ ބައެއް މެންބަރުންނާ ގުޅިގެން އެ ކޮމިޝަންގެ ރައީސްއާ ދެކޮޅަށް ސެކެޓްރީ ޖެނެރަލްގެ މަގާމަށް އެކަށީގެންނުވާ ފަރާތެއް އައްޔަންކުރުމަށް ނުފޫޒު ފޯރުވާފައިވޭ
- އީސީގައި ހުރި އާންމުންގެ މައުލޫމާތު އާންމު ފަރާތްތަކަށް ވިއްކައި އެއިން މަންފާ ހޯއްދަވާފައިވޭ
- އީސީގެ މުވައްޒަފުންގެ މެދުގައި އީސީގެ ރައީސްގެ އަގުވައްޓާލުމަށް ފާޅުގައި މަސައްކަތް ކުރައްވާފައިވޭ
- ނަޝާތު ސިޔާސީ ފަރާތްތަކާ ގާތް ގުޅުމެއް ބާއްވައި އެ ފަރާތްތަކާ ބައްދަލުކުރައްވާ
- އީސީގެ ޑޭޓާބޭސް އިން މައުލޫމާތު ނަގައި އެއިން އެޕްލިކޭޝަން ހަދައިގެން ވިއްކާ އަދި އާންމު ރައްޔިތުންގެ މައުލޫމާތު ވިއްކުން




