ރާއްޖެއަށް ކަނޑުމަގުން އެތެރެކުރަން އުޅުނު 1.518 ކިލޯގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ޕެކެޓުތަކެއް މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން މައުލޫމާތު ދިން ގޮތުގައި މިތަކެތި އަތުލައިގަނެފައިވަނީ މާލެ ކޮމާޝަލް ހާބަރަށް ގެނެސްފައިވާ ސީފްރައިޓް ޝިޕްމަންޓެއް އިއްޔެ ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުންނެވެ.
މިތަކެތި ހުރީ ޝިޕްމަންޓުގައި ހުރި ތަކެތީގެ ތެރޭގައި ފޮރުވާފައި ކަމަށް ވެސް ކަސްޓަމްސް ސިން ބުނެފައިވެއެވެ.
މީގެއިތުރުން ކަސްޓަމްސްއިން ބުނީ މި ޕެކެޓުތަކުގައި ފޮރުވާފައި ހުރި ތަކެތި ފުރަތަމަ މަރުޙަލާގައި ކަސްޓަމްސްއިން ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމިން (މެތު) އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
މިތަކެތީގެ މަގުމަތީގެ އަގު 3،000،000.00 (ތިން މިލިއަން) ދިވެހި ރުފިޔާ އަށްވުރެ މަތިވާނެކަމަށް ބެލެވޭ ކަމަށް ވެސް ކަސްޓަމްސް އިން ބުނެފައިވެއެވެ.



