މިހަފްތާ ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް 5 ދުވަހު މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ލަފާކޮށްފިއެވެ.
އެއިދާރާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ އިރުން ބޭ އޮފް ބޭންގަލްގައި އުފެދިފައިވާ ކޮޅިގަނޑު ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އިތުރަށް ބާރުގަދަވެ، ބާރު ގަދަ ކޮޅި ގަނޑަކަށް ބަދަލުވާނެ ކަމަށް ބެލެވޭ ކަމަށާއި އެ ކޮޅިގަނޑު ދަތުރުކުރަމުންދާނެ ކަމަށް ބެލެވެނީ ހުޅަނގު އުތުރަށް އިންޑިއާގެ ޓެމިލްނާޑޫ އާއި ސްރީލަންކާ އައްސޭރި ފަށާ ދިމާލަށް ކަމަށެވެ.
އެއިދާރާއިން ހާމަކޮށްފައިވާ ގޮތުގައި އެ ކޮޅިގަނޑުގެ އިތުރުން ރާއްޖޭގެ އިރުދެކުނުގައި ވެސް ކޮޅިގަނޑެއް ވަނީ އުފެދިފައެވެ.
މީގެ ސަބަބުން 27 ނޮވެމްބަރު ވާ ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ސަރަހައްދުގެ އާންމު ވައިބާރުވާނެ ކަމަށް ބެލެވޭ ކަމަށް އެއިދާރާއިން ބުނެފައިވެއެވެ.
ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް އެއިދާރާއިން ވަނީ ލަފާކޮށްފައެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް އެއިދާރާއިން ވަނީ ލިބިދާނެ ގެއްލުމަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.


