މާލެ ކައިރީގައި އޮތް ފުނަދޫގައި ގާއިމުކޮށްފައި އޮތް އެސްޓީއޯގެ ފިއުލް ފާމް ތިލަފުއްޓަށް ބަދަލުކުރަން ނިންމާފައިވާކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޝިމާދު ވިދާޅުވީ ފިއުލް ފާމް ތިލަފުއްޓަށް ބަދަލުކުރުމަށް ނިންމައި އެތަން ޑިޒައިނިން މަސައްކަތް ވެސް މިހާރު ފަށާފައިވާ ކަމަށެވެ.
މީގެއިތުރުން ތިލަފުށިން އެކަމަށް ހެޔޮވަރުގެ ބިމެއް ލިބޭނެކަމުގެ އުފާވެރި ޚަބަރު އޮތީ ލިބިފައިވާކަން ފާހަގަކުރައްވާ ޝިމާދު ވިދާޅުވީ ވީހާ ވެސް އަވަހަކަށް ތިލަފުށީގައި ރަނގަޅު ސްޓޯރޭޖެއް ގާއިމުކޮށް ރާއްޖެއަށް ބޭނުންވާ ތެލަށް ބަލާފައި ރަނގަޅު ސައިޒެއްގެ ސްޓޯރޭޖުތަކެއް ގާއިމުކުރުން އެއީ އެކުންފުނީގެ އަމާޒު ކަމަށެވެ.
ހަމައެއާއިއެކު ރާއްޖޭގެ ތެލުގެ ޑިމާންޑް މިހާރު އޮތް ނިސްބަތަށް ބަލާ އިރު، ފުނަދޫގެ ޖާގަ މިހާރު ކުޑަ ކަމަށް ވެސް ޝިމާދު ފާހަގަކުރެއްވިއެވެ.
ތިލަފުށީގައި ފިއުލް ފާމު ގާއިމު ކުރުމުން ތެޔޮ ރައްކާކުރެވޭ މިންވަރު އިތުރުވުމާއެކު ތެލުގެ އަގަށް ހެޔޮ ބަދަލުތަކެއް ވެސް އަންނާނެ ކަމަށް ޝިމާދް ވިދާޅުވިއެވެ.
ޝިމާދު ވިދާޅުވި ގޮތުގައި ފިއުލް ފާމް ތިލަފުއްޓަށް ބަދަލުކުރުމަށްޓަކައި ކޮންސަލްޓެންޓެއް ނަގައިގެން، ކޮންސެޕްޓާއި ޑިޒައިން އަދި މުޅި މަޝްރޫއުގެ އަގު ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި މި މަޝްރޫއުގެ އަމަލީ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ވެސް ވަރަށް އަވަހަށް ބީލަމަށް ލާނެ ކަމަށެވެ.
މިމަޝްރޫއު ނިންމަން 18-24 މަހާ ދެމެދުގެ މުއްދަތެއް ނަގާނެކަމަށް ލަފާކުރެވޭކަމަށް ވެސް ޝިމާދު ވިދާޅުވިއެވެ.




