ކުޑަކުއްޖެއްގެ ގައިގައި ޖަހާ، މާރާމާރީ ހިންގި މީހަކު ހައްޔަރު ކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 40 އަހަރުގެ އަލީ ޝިފާޒް، ގ. ނިއުމޫން އެވެ. އޭނާގެ ބަންދުގެ އަމުރު މިއަދު ކްރިމިނަލް ކޯޓުން ނެރިފައިވާއިރު އެ އަމުރުގައި ބުނެފައިވަނީ ޝިފާޒް ވަނީ ފަތިބުރިއަކުން ކުޑަކުއްޖެއްގެ އިތުރުން ބޮޑު މީހެއްގެ ގައިގައި ވެސް ޖަހާފައި ކަމަށެވެ.
މިމައްސަލައިގެ ހެކިބަސް ދޭން ތިބީ ޝިފާޒްގެ އާއިލާ މީހުން ކަމަށްވާތީ އޭނާ ދޫކޮށްލައިފިނަމަ ހެކިންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ކޯޓުން ނެރުނު އަމުރުގައި ބަޔާންކޮށްފައިވެއެވެ.
އެހެންކަމުން މި މައްސަލައާ ގުޅިގެން ޝިފާޒް 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މިއީ ކުޑަކުއްޖަކާ ގުޅުންހުރި މައްސަލައަކަށްވާތީ މިކަމާ ގުޅޭގޮތުން އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.



