މިހާރު އެކުލަވާލާފައިވާ ގަވާއިދުގެ ދަށުން ދަރީންގެ ހަރަދުގެ ގޮތުގައި ނަގައިދެނީ މާކުޑައަދަދެއް ކަމުން، މަޖިލީހުގެ ގަވާއިދު ކޮމިޓީ މެދުވެރިކޮށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުގެ ކަމާ ގުޅުންހުރި ބޭފުޅުންނާ ބައްދަލުކޮށް މި ގަވާއިދު އިސްލާހު ކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިބްރާހީމް އެދިވަޑައިގެންފިއެވެ.
މެންބަރު މިހެން ވިދާޅުވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ފޮނުއްވި ސިޓީއެއްގައެވެ.
އެގޮތުން އާއިލާއާއި ބެހޭ ގާނޫނުގެ 72 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުގައި ކުއްޖާގެ އުމުރުން 18 އަހަރު ފުރެންދެން ކުއްޖާގެ ހަރަދަށާއި ކުއްޖާ ބެލުމުގެ ހަރަދަށް އެއްކުއްޖަކު ހުރިނަމަ މަހަކު 2000 ރުފިޔާ، އެއްކުއްޖަކަށް ވުރެއް ގިނަ ކުދިން ތިބި ނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް މަހަކު 1000 ރުފިޔާއަށް ވުރެއް މަދު ނޫން އަދަދެއް ދޭންވާނެ ކަމަށް ކަނޑައަޅާފައިވާ ކަމަށް މެންބަރު ވިދާޅުވިއެވެ.
މީގެއިތުރުން ހަރަދުގެ ގޮތުގައި ދޭ ފައިސާގެ އިތުރުން ކޮންމެ ދަރިއަކަށް އަހަރަކު ތިން ހެދުމާއި ކިޔަވައިދިނުމުގެ ހަރަދުގެ ގޮތުގައި އަހަރަކު ދެ ޔުނީފޯމާއި އެއް ބޫޓާއި ފޮތަ ލިސްޓާއި ކިޔެވުމަށް ބޭނުންވާ އެހެނިހެން ތަކެތި ހޯދައިދޭން ވެސް ޖެހޭނެ ކަމަށާއި ބޭސްފަރުވާގެ ހަރަދުވެސް ދޭން ޖެހޭއިރު އެހަރަދުތައް ދިނުމުގައި ބަލަނީ ސަރުކާރުގެ ބޭސްފަރުވާ ކޮށްދޭ މަރުކަޒުތަކުގެ ހިދުމަތްދޭ ރޭޓަށް ކަމަށް މެންބަރު މުޙައްމަދު ވަނީ ފާހަގަކުރައްވާފައެވެ.
ނަމަވެސް ކުއްޖާގެ ހާލަތަށާއި ބަލަދުވެރިޔާ (ބައްޕަ) ގެ ތަނަވަސްކަމުގެ މައްޗަށް ރިއާޔަތްކޮށް އިތުރު ހަރަދުވެސް ނެގިދާނެކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށް މެންބަރު ވަނީ ހާމަކުރައްވާފައެވެ.
ޚިދުމަތާއި ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާއިރު، މަހެއްގެ މައްޗަށް ކަނޑައެޅިފައިވާ 2000 ރުފިޔާއަކީ ދަރިންގެ ހުރިހާ ޚަރަދެއް ފޫބެއްދޭވަރަށް ވުރެ މާކުޑަ އަދަދެއްކަން ފާހަގަކުރައްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ވިދާޅުވީ މީގެން އެންމެ ކުޑަމިނުން ސްކޫލު ފީއާއި ޓިއުޝަން ފީއަށް އެކަނި ނުފުދޭ ކަމަށެވެ. އަދި ކުޑަކުދިންނަށް ކާންދޭ ތަކެތީގެ އިތުރުން ނެޕީގެ ޚަރަދުތަކަށް އެކަނި ބެލިނަމަވެސް މި ފައިސާއިން ނުފުއްދޭނެ ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ.
ގަވާއިދުގައި ބަޔާންކޮށްފައިވާ މި އަދަދުގެ ސަބަބުން ކޯޓުގެ ދިގު މަރުހަލާ ކަނޑައްތު ކުރުމަށްފަހު ވެސް ލިބެނީ ހަމަ މިއަދަދު ކަމުން ރޫޅިފައިވާ އައިލާތަކާއި އެކަނިވެރި މައިންނަށް މިކަން ބަރުދާސްތު ކުރަން އުނދަގޫ ކަމަކަށް ވެފައި ވާކަން ހާމަކުރައްވާ މެންބަރު މުޙައްމަދު އިބްރާޙީމް ވަނީ މަޖިލީހުގެ ގަވާއިދު ކޮމިޓީ މެދުވެރިކޮށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުގެ ކަމާ ގުޅުންހުރި ބޭފުޅުންނާ ބައްދަލުކޮށް މި ގަވާއިދަށް ގެންނަން ޖެހޭ ހެޔޮ ބަދަލުތައް ގެނެވޭނެ ގޮތް ހަދައިދިނުމަށް އެދިވަޑައިގެންފައެވެ.



