ފެމިލީ ކޯޓުގެ ޝަރީއަތުގެ އަޑުއެހުމެއް ކުރިއަށް ގެންދަނިކޮށް ގާޟީގެ ހުއްދަ ނެތި ޝަރީއަތުގެ މަޖިލީހުން ނުކުތް އަންހެނަކު ތިން ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.
މިމައްސަލައިގައި ކޯޓުން އޭނާގެ މައްޗަށް ޙުކުމް ކޮށްފައި ވަނީ ޝަރީއަތުގެ އަޑުއެހުމެއް ހިނގަމުންދަނިކޮށް، ގާޒީގެ ހުއްދަ ނެތި ޝަރީއަތުގެ މަޖިލިސް ދޫކޮށް ނުދެވޭނެ ކަމާއި ފިޔަވަޅު އެޅޭނެކަން އަންގާފައިވަނިކޮށް، ގާޒީގެ ހުއްދަ ނެތި ޝަރީއަތުގެ މަޖިލީހުން އޭނާ ނުކުތުމުގެ ސަބަބުންނެވެ.
އޭނާގެ މައްޗަށް ކޮށްފައިވާ ޙުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި އެ މީހާ ނުކުމެގެން ދިޔައީ ކޯޓުގެ ރިސެޕްޝަނުގެ ތެރެއިން ލީގަލް އޮފިސަރު އިންނަވާ ކޮޓަރި ތެރެއަށް ވަދެ، އެތަނުން ކޯޓުގެ ލޮބީ ސަރަހައްދުންނެވެ.
އެހެންކަމުން ކޯޓުން ވަނީ އޭނާ މައްޗަށް ޝަރީއަތުގެ ނިޒާމާ ހިލާފުވެފައިވާތީ އާއި ކޯޓުގެ ހުރުމަތް ކަނޑާފައިވާ މައްސަލައިގައި ޖަލަށް ލާން ޙުކުމް ކޮށްފައެވެ.



