ވ. ރަކީދޫގައި މިހާރު ކަރަންޓުގެ ގޮތުގައި ބޮޑަށް ބޭނުންކުރަނީ އިޔާދަ ކުރަނިވި ހަކަތަކަން ސްޓޭޓް އިލެކްޓިކް ކޮމްޕެނީ (ސްޓެލްކޯ) އިން ހާމަކޮށްފިއެވެ.
މިކަން ހާމަ ކުރައްވަމުން ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން ފަހުމީ ”އެކްސް“ މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަކީދޫގައި މިހާރު ކަރަންޓުގެ ގޮތުގައި އިޔާދަ ކުރަނިވި ހަކަތަ ބޮޑަށް ބޭނުން ކުރަމުން އަންނަ ކަމަށެވެ. އަދި އެރަށުގައި މިހާރު ޖަނަރޭޓަރު ޖައްސާފައި ހުންނަނީ އެންމެ ދެ ގަޑިއިރަށް ކަމަށާއި ބާކީ އެހެން ހުރިހާ ގަޑިއެއްގައި އެރަށުގައި ބޭނުން ކުރަނީ ހައިބްރިޑް PV-BESS-DG ސިސްޓަމުން އުފައްދާ އިޔާދަ ކުރަނިވި ހަކަތަ ކަމަށް ވެސް ފަހުމީ ވިދާޅުވެފައިވެއެވެ.
މިއީ ކަރަންޓަށް ރައްޔިތުން ކުރާ ހޭދަ ކުޑަ ކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރު ވިސްނުންފުޅުން ފެށުނު ކަމެއް ކަމަށާއި މިކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާ ކުރައްވާ ކަމުގައި ވެސް ސްޓެލްކޯގެ އެމްޑީ ވިދާޅުވެފައިވެއެވެ. އަދި މިއީ 33 އިންސައްތަ އިޔާދަކުރަނިވި ހަކަތަ ބޭނުންކުރަން ރައީސް ނިންމެވި ނިންމެވުމަށް، ހާސިލު ކުރެވުނު ލަނޑުދަނޑިއެއްކަން ވެސް އެމްޑީ ފާހަގަ ކުރެއްވިއެވެ.
ކަރަންޓު ޚަރަދު ކުޑަކުރުމަށާއި ތިމާވެއްޓާ ރައްޓެހި ގޮތުގައި ކަރަންޓު ބޭނުންކުރުމުގެ މަޤުސަދުގައި، ”މަގޭ ސޯލާ“ ޕްރޮގްރާމްގެ ދަށުން ސޯލާ ޚިދުމަތަށް އެދުމުގެ ފުރުސަތު ސްޓެލްކޯގެ ދަށުން މަސައްކަތްކުރާ ފެނަކައިން ހުޅުވައިލީ މިދިޔަ މަހުގައެވެ.
މަގޭސޯލާ ޕްރޮގްރާމަކީ، ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ، އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ވާސިލްވުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ.



