ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ސީޕްލޭންގެ ޚިދުމަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުދަ ދުވަހު ހާމަކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް (އެސްއޯއީ) ކޮމިޓީގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ލުތަބާ ލަތީފު ވިދާޅުވީ، އެމްއޭސީއެލްގެ ދަށަށް ރީޖަނަލް އެއަރޕޯޓްތައް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.
މުޖުތަބާ އިތުރަށް ވިދާޅުވި ގޮތުގައި، މި ހަފުތާގެ ތެރޭގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)، ރީޖަނަލް އެއަރޕޯޓްސް އަދި އެމްއޭސީއެލްއާ ދެމެދު ހިއްސާ ބަދަލުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
”ހަނިމާދޫ ބޭނުންވަނީ ފައިދާވާ އެއަރޕޯޓަކަށް ހެދުން. ވަރަށް އަވަހަށް ސީޕްލޭން ޤާއިމްކުރާނަން. އިންޓަރނޭޝަނަލް އެއަރޕޯޓެއް ފީސިބްލްވާނީ އެފަދަ ޚިދުމަތެއް ދެވިގެން،“ މުޖުތަބާ ވިދާޅުވިއެވެ.
އެމްއޭސީއެލްގެ ޑެޕިއުޓީ އެމްޑީ އިތުރަށް ހާމަކުރެއްވި ގޮތުގައި، ހަނިމާދޫ އެއަރޕޯޓުގެ ޚިދުމަތްތައް ރަނގަޅުކުރުމުގެ ޕްލޭންތަކެއް އެކުލަވާލާފައިވެއެވެ. އަދި އާމްދަނީ އިތުރުކުރުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު އެއް މަސައްކަތަކީ ހަނިމާދޫގައި ސީޕްލޭންގެ ޚިދުމަތް ފެށުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ހަނިމާދޫގައި ސީޕްލޭން ޓަރމިނަލެއްވެސް ތަރައްޤީކުރާނެ ކަމަށާއި މިކަން ވަރަށް އަވަހަށް ހަށް ހާސިލްވާނެ ކަމަށް މުޖުތަބާ ވިދާޅުވިއެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތްތައް 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެމްއޭސީއެލްއިން ބުނެފައިވެއެވެ.



