ގެދޮރުވެރިޔާ ސްކީމާ ގުޅިގެން ކުރިއަށްދާ ރީ-އިވެލުއޭޝަނުގެ މަސައްކަތަށް އެއްވެސް ފަރާތަކުން ނުފޫޒެއް ނުފޯރުވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެންމެހައި ރައްޔިތުންނަށް އަރުވާކަމަށް މިނިސްޓްރީ އޮފް ހައުސިން އިން ބުނެފިއެވެ.
އެމިނިސްޓްރީން މިހެން ބުނެފައި ވަނީ ގެދޮރުވެރިޔާ ސްކީމާ ގުޅިގެން އެކި ފަރާތްތަކުން އާންމުންގެ ހިތްތަކުގައި މިނިސްޓްރީއާ މެދު ނުބައި ތަސައްވުރެއް އުފެދޭ ގޮތަށް ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް މީސްމީޑިއާގައި ފަތުރަމުންދާތީ އެކަމާއި ގުޅިގެން މިއަދު އާއްމުކޮށްފައިވާ ނޫސްބަޔާނެއްގައެވެ.
މިބަޔާނުގައި ގެދޮރުވެރިޔާ ސްކީމާއި ގުޅިގެން ކުރިއަށްދާ ރީ-އިވެލުއޭޝަންގެ މަސައްކަތަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ބައެއް ސިޔާސީ ފަރާތްތަކުން ނުފޫޒު ފޯރުވާކަމަށް ބުނެ ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފަށް ޚަބަރުތައް ފަތުރަމުންދާތީ އެކަން ފާހަގަކޮށް އެމިނިސްޓްރީން ބުނެފައި ވަނީ ރީ-އިވެލުއޭޝަނުގެ މަސައްކަތަށް އެއްވެސް ފަރާތަކުން ނުފޫޒެއް ނުފޯރުވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެންމެހައި ރައްޔިތުންނަށް އަރުވާ ކަމަށެވެ.
މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، މިނިސްޓްރީގެ މަޤްޞަދަކީ މި ސްކީމްގެ ދަށުން ފްލެޓްތައް ލިބިގެންދަނީ އެންމެ ޙައްޤުވެރި ފަރާތްތަކަށްކަން ކަށަވަރުކުރުމެވެ. އަދި މިއީ ގިނަ އަދަދެއްގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ އުންމީދުތަކާ ގުޅިފައިވާ ވަރަށް ޙައްސާސް މައްސަލައެއްކަމަށް ވާތީ، މިކަމުގައި މިނިސްޓްރީގެ ރަސްމީ ބަހެއް ހޯދުމެއްނެތި، ސިޔާސީ ބޭނުމަށް ޙަޤީޤަތާ ޚިލާފު ޚަބަރު ނުފެތުރުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކޮށްފައިވެއެވެ.



