އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އާއި ނައިބު އައްޔަން ކުރުމުގެ ބާރު ރައީސަށް ލިބިވަޑައިގަންނަވާ ގޮތަށް އެ ދެ ކޮމިޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.
އޭސީސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ސަރުކާރުގެ ފަރާތުން ފެލިދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އާދަމް ޒާހިރު ހުށަހެޅުއްވާފައިވާއިރު، އީސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހުށަހެޅުއްވީ ކެލާ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުﷲ ޝަރީފެވެ.
މި ދެ ބިލު ވެސް ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް މަޖިލީހުން ފާސްކޮށްފައިވާއިރު، މިހާރު ދެ ބިލްވެސް ވަނީ ތަސްދީގުކުރައްވައި ގެޒެޓުގައި ޝާއިއުކޮށްފައެވެ.
އޭސީސީގެ ގާނޫނާއި އީސީގެ ގާނޫނަށް ވަކިވަކިން ގެނައި އިސްލާހުގައި ކޮމިޝަންގެ މެމްބަރުންގެ ތެރެއިން ކޮމިޝަނުގެ ރައީސަކާއި ނައިބު ރައީސަކު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރަން ވާނެ ކަމަށާއި، އެކަމަކު އެ ދެ ކޮމިޝަނުގެ ރައީސް އަދި ނައިބު ރައީސްގެ މަގާމަށް އައްޔަންކުރާ މީހެއްގެ ނަން މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.
މަޖިލީހުން ފާސްކޮށްފައިވާ ދެ ބިލުގައި ދެ ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރެވޭނީ، މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވެ، އެކަމަށް ނަގާ ވޯޓެއްގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވުމުން ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
އެހެންނަމަވެސް، މި ވަގުތު އޭސީސީ އާއި އީސީގެ ރައީސާއި ނައިބު ރައީސް ކަމުގެ މަގާމުގައި ތިއްބެވި ބޭފުޅުން މަގާމުން ވަކިވަންދެން އެ މަގާމުތަކުގައި ދެމިތިބެވޭނެއެވެ.



