ކ.ހިންމަފުށީގައި އަލަށް ޤާއިމު ކުރެވުނު މީޑިއަމް ވޯލްޓޭޖް ޑިސްޓްރިބިއުޝަން ވިއުގަ، އެނަޖައިޒްކޮށް މިހާރު ކަމިޝަން ކުރެވިފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯ އިން މިއަދު ބުނީ މި އައު ވިއުގައާއިއެކު ހިންމަފުށީގެ ވޯލްޓޭޖް ޑްރޮޕްގެ މައްސަލަ ހައްލުވެ، އަލަށް އާބާދުވަމުންދާ ސަރަޙައްދަށް ޑިސްޓްރިބިއުޝަން ނެޓްވޯކު ފުޅާކުރެވި، ކަސްޓަމަރުންނަށް ޚިދުމަތް ލިބިދިނުމަށް ކުރަންޖެހޭ ހޭދަ އެތައްގުނައަކުން ކުޑަ ވެގެންދާނެ ކަމަށެވެ.
މީގެއިތުރުން މި ނިޒާމާއެކު، ތިން ޑިސްޓްރިބިއުޝަން ސަބްސްޓޭޝަނެއް ޤާއިމު ކުރެވި، ޑިސްޓްރިބިއުޝަން ކެޕޭސިޓީއަށް 1.5 އެމް.ވީ.އޭ އިތުރުކުރެވިފައިވާ ކަމަށް ވެސް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.
މިއީ ހިންމަފުށީގެ ރައްޔިތުންނަށް އެއްވެސް ދަތިކަމަކާ ނުލައި 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ދިނުމަށް ސްޓެލްކޯއިން ފަށާފައިވާ މުހިންމު މަސައްކަތެއްކަން އެ ކުންފުނިން ފާހަގަ ކޮށްފައިވެއެވެ.




