ގެސްޓްހައުސްތަކާއި ރިސޯޓުތަކުން ލިބޭ ޑޮލަރުގެ ވަކި މިންވަރެއް ބެންކުތަކުން މާރުކުރާ ގޮތަށް ހެދި ގަވާއިދު ޤާނޫނަކުން އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފަށައިފިއެވެ.
އެގޮތުން އެމްއެމްއޭ އިން ވަނީ މިކަމާ ގުޅޭ ބިލެއް ޑްރާފްޓްކޮށް ސްޓޭކްހޯލްޑަރުންގެ ހިޔާލަށް މިހާރު ހުޅުވައިލާފައެވެ.
މިކަމާ ގުޅޭގޮތުން އެ އޮތޯރިޓީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ފޮރިން އެކްސްޖޭންޖުގެ ކަންކަން ހަރުދަނާ ކުރުމަށް ބޭރު ފައިސާއާ ބެހޭ ބިލެއް އެކުލަވާލުމުގެ މަސައްކަތް ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން އެމްއެމްއޭ އިން ކުރަމުން އަންނަ ކަމަށެވެ.
އެމްއެމްއޭ އިން ބުނީ މި ބިލުގެ މައިގަނޑު މަގްސަދަކީ މިދިޔަ އޮކްޓޯބަރު 1 ގައި އަމަލު ކުރަން ފެށި ބޭރު ފައިސާއާ ބެހޭ ގަވައިދުގައި ބަޔާންކޮށްފައިވާ ކަންކަން ހަރުދަނާ ކުރުން ކަމަށެވެ.
މަރުކަޒީ ބޭންކުން އާންމުކޮށްފައިވާ ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ކެޓަގަރީ އޭގެ ގޮތުގައި ހިމެނޭ ފަތުރުވެރިކަމުގެ ޓޫރިސްޓު ރިސޯޓުތަކާއި އިންޓަގްރޭޓެޑް ރިސޯޓުތަކާއި ޕްރައިވެޓް އައިލެންޑްތަކާއި ރިސޯޓު ހޮޓާ ފަދަ ތަންތަނުން ކޮންމެ ޓޫރިސްޓަކަށް، ބޮލަކަށް 500 ޑޮލަރުގެ ރޭޓުން، އެ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ޖަމާކޮށް ރުފިޔާއަށް މާރު ކުރަން ވާނެއެވެ.
މީގެއިތުރުން ކެޓަގަރީ ބީގެ ގޮތުގައި ހިމެނޭ ޓޫރިސްޓު ހޮޓާތަކާއި ގެސްޓްހައުސްތަކާއި ޓޫރިސްޓު އުޅަނދުތަކުން ކޮންމެ ޓޫރިސްޓަކަށް، ބޮލަކަށް 25 ޑޮލަރުގެ ރޭޓުން އެ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ޖަމާކޮށް ރުފިޔާ އަށް މާރު ކުރަން ވާނެ ކަމަށް ވެސް އެމްއެމްއޭ އިން އާންމުކޮށްފައިވާ އެ ގަވައިދުގައިވެއެވެ.



