ދިވެހިރާއްޖެއާ ތަޖިކިސްތާނާ ދެމެދު ވިސާ އެގްޒެމްޝަން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
ނިއުޔޯކްގައި މިއަދު ސޮއިކުރި މިއެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، އ.ދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުޙަައްމަދުއެވެ. އަދި ތަޖިކިސްތާން ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އ.ދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ހިޒް އެކްސަލަންސީ ހިކްމަތު ޖޮނިބެކް އިސްމޮއިލް އެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމާއިއެކު، މިހާރުވެސް އަމަލުކުރަމުންދާ ޔުނިލެޓަރަލް ވިސާ-ފްރީ ރެޖީމްގެ ދަށުން ވިސާއާއި ނުލާ 30 ދުވަހުގެ މުއްދަތަށް ދެޤައުމުގެ ރައްޔިތުން ދަތުރުކުރުމަށް އޮންނަ އުސޫލު ރަސްމީވެގެންދާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.



