ކ. ގުޅީގައި ފާނަބަސަންދު ފެތުރުން އަދިވެސް ކޮންޓްރޯލު ނުވާ ކަމަށާއި މިހާރު އެރަށުން މިބަލީގެ 24 ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ގުޅީގައި ފާނަބަސަންދު ފެތުރެމުންދާކަން އެ އެޖެންސީން ހާމަކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުގައެވެ. އެއިރު އެރަށުން މިބަލީގެ 11 ކޭސްއެއް ފެނިފައިވާއިރު ދެ މީހެއްގެ ހާލު ސީރިއަސް ވެގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންދިޔަ ކަމަށް ވެސް ގުޅީ ކައުންސިލުން އެއިރު މައުލޫމާތު ދީފައިވެއެވެ.
ނަމަވެސް މިހާރު އެ ދެމީހުންވެސް ދޫކޮށްލާފައިވާ ކަމަށާއި މިހާރު މިބައްޔާ ގުޅިގެން އެރަށުގެ އެއްވެސް މީހަކަށް އައިޖީއެމްގައި ފަރުވާދެމުން ނުދާ ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.
އެޗްޕީއޭ އިން ވަނީ ވޭތުވެދިޔަ ތިން މަސް ދުވަހު ރާއްޖޭގައި ފާނަބަސަންދު ފެތުރިފައިވާ މިންވަރު ދައްކުވައިދޭ ތަފާސް ހިސާބެއްވެސް ހިއްސާކޮށްފައެވެ.
އެގޮތުން އެ ހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ ތިން މަސް ދުވަހު މިބަލި ރާއްޖޭގައި އެންމެ ބޮޑަށް ފެތުރިފައިވަނީ ޅ. އަތޮޅުގައެވެ. އެ އަތޮޅު ނައިފަރުން މި މަހު ފާނަބަސަންދުގެ 29 ކޭސް ރިޕޯޓުކޮށްފައިވެއެވެ.




