ދަރުމަވަންތަ ހޮސްޕިޓަލު ކައިރި މޫދުން އަނިޔާވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކަތްތެރިވާން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލު ކައިރި ބޭރު ތޮށީ މޫދުން އަނިޔާވެފައި އޮތް މީހަކު ފެނިގެން އެމީހާ ވަނީ އައިޖީއެމްއެޗްއަށް މިހާރު ގެންގޮސްފައި ކަމަށެވެ. އެއީ ދިވެހި ފިރިހެނެއް ކަމުގައި ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން މިވަގުތު ދަނީ ސީންގައި އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
އޮންލައިން މީޑިއާއަކުން މިހާދިސާއާ ގުޅޭ ވީޑިއޯއެއް މިހާރު ހިއްސާ ކޮށްފައިވާއިރު، އޭގެން ފެންނަނީ އަނިޔާވެފައިވާ މީހާ މޫދުން ނަގައިގެން، ސްޓްރެޗަރަކަށް ލައިގެން އެމްބިއުލޭންސަށް އަރުވާ މަންޒަރެވެ.
ހޮސްޕިޓަލާ ހަވާލާދީ ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެމީހާގެ ބޮލަށް އަނިޔާވެފައިވާ ކަމަށާއި އޭނާއަށް އަނިޔާވެފައިވަނީ އުޅަނދެއްގައި ޖެހިގެން ކަމަށް ބެލެވޭ ކަމަށެވެ.
ފުލުހުން ދަނީ މިހާދިސާ އިތުރަށް ތަހުގީގު ކުރައްވަމުންނެވެ.



