ވޯލްޑް ޓްރެވެލް އެވޯޑްސްގައި އަންނަ އަހަރު ރާއްޖެއަށް މަދުވެގެން 15 އެވޯޑު ހޯދުމަކީ އަމާޒެއް ކަމުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ފައިސަލް މިހެން ވިދާޅުވީ، މިއަހަރުގެ ވޯލްޑް ޓްރެވެލް އެވޯޑްސްގައި ރާއްޖެއަށް ޝަރަފުވެރި ދެ އެވޯޑެއް ލިބުން ފާހަގަ ކުރުމަށް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްސް ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރާއްޖެއިން ވަނީ މިއަހަރުވެސް ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން ކަމުގެ އެވޯޑު ހާސިލުކޮށްފައެވެ. ރާއްޖެއިން ވަނީ މި އެވޯޑު ޖެހިޖެހިގެން ފަސް އަހަރު ކާމިޔާބު ކޮށްފައެވެ. މީގެ އިތުރުން ވޯލްޑްސް ގްރީން ޑެސްޓިނޭޝަން އެވޯޑު ފުރަތަމަ ފަހަރަށް ރާއްޖެއިން ވަނީ ކާމިޔާބު ކޮށްފައެވެ. މީގެ އިތުރުން ވެސް 7 އެވޯޑެއް ރާއްޖެއިން ވަނީ ކާމިޔާބު ކޮށްފައެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ޓްރެވެލް އެވޯޑްސްގައި ރާއްޖެއަށް 15 ނުވަތަ 20 އެވޯޑު ހާސިލު ކުރުމަކީ ކުރައްވާ އުންމީދެއް ކަމަށެވެ.
”މިއަހަރު ލިބުނު މި އެވޯޑަކީ މުޅި މި ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ބުރަ މަސައްކަތުން ހާސިލު ކުރެވުނު އެވޯޑުތަކެއް. އަޅުގަނޑު ޤަބޫލުކުރަން ރާއްޖެއަށް ހާސިލު ނުކުރެވުނު އެވޯޑުތަކުގެ ތެރޭގައިވެސް އެބަ ހުރިކަން ރާއްޖެއަށް ހާސިލު ކުރެވިދާނެ އެވޯޑުތައް. އުންމީދަކީ އަންނަ އަހަރު އެ އެވޯޑުތައް ވެސް ހާސިލު ކުރުން. މަދުވެގެން 15 ނުވަތަ 20 އެވޯޑު ހާސިލު ކުރުން އުންމީދަކީ“ މިނިސްޓަރު ފައިސަލް ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ ”މޯލްޑިވިއަން“ އަކީ ފަތުރުވެރިކަމުގެ މުހިންމު ބައިވެރިއެއް ކަމަށާއި އެހެންކަމުން ކުރިއަށް އޮތްތަނުގައި ބޭނުންވަނީ ”ވިޒިޓް މޯލްޑިވްސް“ ޖަހައިގެން މޯލްޑިވިއަނުން ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ މަންޒިލްތަކަށް ދަތުރުކުރާ ތަން ފެނުންކަމަށެވެ.



