އެއްވެސް އިތުރު ބަދަލަކާ ނުލައި، ސަރުކާރުގެ ފަރާތުން އަންނަ އަހަރަށް ލަފާކޮށްފައިވާ 57 ބިލިއަން ރުފިޔާގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލިހުގެ ބަޖެޓު ކޮމިޓީން އެ ބަޖެޓު ފާސްކޮށްފައިވަނީ އަންނަ އަހަރު ހިންގަން ނިންމާފައިވާ މަޝްރޫއުތަކުގެ ތަފްސީލު ރައްޔިތުންގެ މަޖިލީހަށް ދޭންޖެހޭ ގޮތަށް ޝަރުތު ކޮށްފައެވެ.
ނަމަވެސް މިއަދުގެ މަޖިލިސް ތަޅުމުގައި ވޯޓަށް އެހިއިރު ސަރުކާރު ހިންގާ މައި ޕާޓީ ކަމުގައިވާ ޕީއެންސީއަށް ނިސްބަތްވެ ވަޑައިގަންނަވާ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް ވަނީ ކޮމިޓީން ކަނޑައެޅި ރިކޮމެންޑޭޝަންތައް އުނިކުރަން ހުށަހަޅުއްވައިފައެވެ. މި ހުށަހެޅުއްވުމަށް ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލު ތާއީދު ކުރެއްވުމުން 68 މެންބަރުންގެ ތާއީދު ވޯޓާއެކު، މަޝްރޫޢުތަކުގެ ތަފްސީލު ދިނުމުގެ ބައި ވަނީ އުނިކޮށްފައެވެ.
މި އިސްލާހާއެކު އަންނަ އަހަރު ދައުލަތަށް ކުރާ ހޭދަތައް ކުރުމަށް ސައުރާކުގެ ފަރާތުން ހުށަހަޅާފައިވާ 57 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފައިވަނީ 70 މެންބަރުންގެ ވޯޓުންނެވެ. އިދިކޮޅު އެމްޑީޕީގެ 11 މެންބަރުން ވޯޓު ދެއްވީ ބަޖެޓު ފާސްކުރުމާ ދެކޮޅަށެވެ.
އަންނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގެ ތަފްސީލު
- ޖުމްލަ ބަޖެޓް: 56.6 ބިލިއަން ރުފިޔާ
- އާމްދަނީ: 39.8 ބިލިއަން ރުފިޔާ
- ޕީއެސްއައިޕީ: 12.4 ބިލިއަން ރުފިޔާ
- ރިކަރަންޓް ހަރަދު: 36 ބިލިއަން ރުފިޔާ
- ޑެފިސިޓް: 9.4 ބިލިއަން ރުފިޔާ
- ޖީޑީޕީ ކުރިއަރާ މިންވަރު: 6.4 ފަސެންޓް
ބަޖެޓު ފާސްކުރިއިރު އުނިކޮށްފައިވާ ރިކޮމެންޑޭޝަންތައް
- ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ޕްރޮގްރެސް ރިޕޯޓެއް އަންނަ އަހަރުގެ ކޮންމެ ކުއާޓާއެއްގައި މަޖިލީހަށް ހުށަހެޅުން
- ޕީއެސްއައިޕީއަށް ހުށަހަޅާ ޕްރޮގްރާމްތައް ކްރައިޓީރިއާތަކަށް ރިއާޔަތްކޮށްގެން ތަރުތީބު ކުރުން
- ސަރުކާރުން މިހާތަނަށް ހިންގުމަށް ސޮއިކުރި ޕްރޮޖެކްޓްތަކުގެ ތެރެއިން ކުރިއަށް ދާނެ މަޝްރޫއުތަކާއި ކުރިއަށް ނުގެންދެވޭނެ މަޝްރޫއުތައް އެނގޭނެ ގޮތަށް އަންނަ އަހަރުގެ މާޗް މަހުގެ ކުރިން ހުށަހެޅުން.
- އަމަލީ މަސައްކަތް ނިންމާނެ ކަން އެނގޭނެ ލިސްޓެއް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރިން މަޖިލީހަށް ފޮނުވުން



