މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިސްނަގައިގެން ބޭރު ފައިސާއާއި ބެހޭ ޤާނޫނެއް ހެދުމަކީ މުހިންމު ކަމެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ޤާނޫނުގެ ސަބަބުން ގަވާއިދުތައް ތަންފީޒުކުރުން ވަރުގަދަވެ، ޤައުމުގެ އިޤްތިޞާދަށް ފައިދާކުރާނެ ކަމަށެވެ.
ރައީސް މުޢިއްޒުގެ ޕޯސްޓުގައި، އެމްއެމްއޭއިން ތައްޔާރުކޮށްފައިވާ ބޭރު ފައިސާއާ ބެހޭ ބިލުގައި، 500 ޑޮލަރު މާރުކުރަންޖެހޭ ގޮތަށް އޮތުމަކީ ވަރަށް ރަނގަޅު ކަމެއްކަމަށް ވިދާޅުވެ، އެކަމަށްޓަކައި އެމަނިކުފާނު ވަނީ އެމްއެމްއޭއަށް ޝުކުރު ދެންނަވާފައެވެ.
މި ޤާނޫނުގެ ސަބަބުން ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރެވޭނެ ކަމަށާއި، ޓޫރިޒަމް ނޫން ދާއިރާތަކުންވެސް ވަކި ވަރަކަށްވުރެ ގިނައިން ޑޮލަރު އާމްދަނީ ލިބޭނަމަ، އެ ފައިސާ މާރުކުރަންޖެހޭ ގޮތަށް ހިމަނާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، މި ޤާނޫނުގެ ސަބަބުން ބޭންކިންގ ނިޒާމުގައި ދައުރުވާ ޑޮލަރުގެ އަދަދު ކުރިން އަންދާޒާކުރި ވަރަށްވުރެ އިތުރުވެގެންދާނެކަން ފާހަގަކުރެއްވާ ރައީސް ވިދާޅުވީ މި ބަދަލުތަކުގެ ނަތީޖާއަކަށްވާނީ އާންމު ރައްޔިތުންނަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ޑޮލަރުގެ ތިޔާގިކަން ލިބިގެންދިއުން ކަމަށެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، 2025 ޖުލައި މަހުން ފެށިގެން ސަރުކާރުން ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ޤާއިމުކުރެވޭނެ ކަމަށެވެ. އަދި 2026 ގެ ފުރަތަމަ ކުއާޓަރގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު ދެގުނަކޮށް 1000 ޑޮލަރަށް އިތުރުކުރެވޭނެ ކަމަށާއި، ކްރެޑިޓް ކާޑު ލިމިޓްތައް ބޮޑުކޮށްދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އާންމު ރައްޔިތުންނަށް ފައިދާހުރި މިފަދަ ކަންކަން ކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ރައްޔިތުން ދެއްވާ ފުރިހަމަ އެއްބާރުލެއްވުމަށް ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ރައީސް ވަނީ ޝުކުރު ދަންނަވާފައެވެ.



