އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައިސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
މި ފުރުޞަތު ހުޅުވާލާފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ދެ މަޤާމު ހުސްވެފައިވާތީ، އެ ކޮމިޝަނަށް ދެ މެންބަރުން ޢައްޔަންކުރުމަށްޓަކައެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 5 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް ރައީސް އޮފީހުން ފޯމު ބަލައިގަންނާނެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ރައީސް އޮފީހުގެ ރިސެޕްޝަނުން ފޯމު ލިބެން ހުންނާނެ ކަމަށާއި، އަދި ރައީސް އޮފީހުގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.



