ހާލުގައި ޖެހިފައިވާ ފަލަސްޠީނުގެ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން ޒަކާތު ހައުސްއިން 1 ލައްކަ ޑޮލަރުގެ އެހީއެއް ދިނުމަށް ހަމަޖެހިފައިވާކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ވިދާޅުވެއްޖެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ޤަތަރު ރެޑް ކްރެސެންޓާ ދެމެދުވެފައިވާ މިއެއްބަސްވުމުގެ ދަށުން ޒަކާތު ހައުސްއިންދޭ އެހީގެ ފައިސާ ޤަތަރު ރެޑް ކްރެސެންޓް ސޮސައިޓީއާ ހަވާލުކުރުމުގެ އެއްބަސްވުމެއްގައި މިހާރު ސޮއިކޮށްފައިވާއިރު، މިއެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސޮއިކުރައްވާފައިވާއިރު، ޤަތަރު ރެޑް ކްރެސެންޓްގެ ފަރާތުން ސޮއިކޮށްފައިވަނީ ސެކްރެޓަރީ ޖެނެރަލް ފައިސަލް މުޙައްމަދު އަލްއެމަދީއެވެ. ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ފަލަސްތީނުގެ މުސްލިމުންނަށް އެހީވުމަށް ޒަކާތު ހައުސްއިން ދޭ 1 ލައްކަ ޑޮލަރުގެ ފައިސާ ޤަތަރު ރެޑް ކްރެސެންޓް ސޮސައިޓީއާ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ދެ ޕޭމަންޓަކަށް ބަހާލައިގެންނެވެ.
އެވުޒާރާއިން ވިދާޅުވީ މި ފައިސާ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ޣައްޒާގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ޤަތަރު ރެޑްކްރެސެންޓް ސޮސައިޓީން ކުރިއަށް ގެންދާ މަޝްރޫއުތަކަށެވެ.
މިއީ ޒަކާތު ފަންޑުން ރާއްޖޭން ބޭރުގެ ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދޭ ފުރަތަމަ ފަހަރު ނަމަވެސް ދިވެހި ސަރުކާރުން ދަނީ ފަލަސްޠީންގެ މުސްލިމުންނަށް ގިނަ އެހީތަކެއް ވަމުންނެވެ.



