ދަރުމަވަންތަ ހޮސްޕިޓަލު ކައިރި މޫދުން އަނިޔާވެފައި އޮތް މީހާއަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނެފައިވާ ގޮތުން، މި މީހާ ނިޔާވެފައިވާކަމުގެ މަޢުލޫމާތު އައިޖީއެމްއެޗުން ވަނީ ފުލުހުންނަށް ދީފައިވެއެވެ.
ފުލުހުންގެ ބުނެފައިވާ ގޮތުގައި، ނިޔާވި ފަރާތަކީ 55 އަހަރުގެ މީހެކެވެ.
މި މައްސަލައިގެ ތަޙްޤީޤު މިހާރު ކުރިއަށްދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ހޮސްޕިޓަލްގެ ޑޮކްޓަރުންނާ ހަވާލާދީ، ފުލުހުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލު ކައިރިން މޫދުން ފެނުން މީހާގެ ބޮލަށް ވަނީ އަނިޔާލިބިފައެވެ. އޭނާއަށް އަނިޔާވީ، ތޮށިގަނޑާ ދިމާލުން ދުއްވާފައި ދިޔަ ”އުޅަނދެއް“ ގައި ޖެހިގެން ކަމަށް ބެލެވޭ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން މި މީހާ މޫދަށް އެރި އުޅުނު ސަރަހައްދުގައި ލޭންޑިން ކްރާފްޓެއް އޮތެވެ. އަދި އޭނާއަށް އަނިޔާވީ އެ ލޭންޑިން ކްރާފްޓް އޭނާގެ ގައިމަތިން ދިޔުމުން ކަމަށް ބެލެވެއެވެ.


