ކޫއްޑޫ އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކައި ނިމިއްޖެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފިއެވެ.
މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި މިއީ 28 އޮކްޓޯބަރ 2024 އިން 15 ނޮވެމްބަރ 2024 އާ ދެމެދުގެ މުއްދަތަށް ދައްކަންޖެހޭ ފައިސާތަކެވެ.
މިފްކޯއިން އިތުރަށް ހާމަކުރި ގޮތުގައި، އިއްޔެގެ ނިޔަލަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 22 މިލިއަން ރުފިޔާ ވަނީ މަސްވެރިންނަށް ދޫކޮށްފައެވެ.
މިއީ ކުންފުނިން ވެފައިވާ ވަޢުދުތައް ފުރިހަމަކުރުމުގެ ގޮތުން ކުރިއަށް ގެންދެވުނު މަސައްކަތެއްކަން ފާހަގަކޮށް މިފްކޯއިން ބުނީ އެ މުއްދަތަށް ފެލިވަރު ފިޝަރީޒްއަށް ދައްކަންޖެހޭ ފައިސާ އަދި ޖަމާކުރެވިފައި ނުވާ ނަމަވެސް، އެ ފައިސާ ޖަމާކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
މީގެއިތުރުން، މިފްކޯއިން އިތުރަށް ބުނެފައިވަނީ އެއްވެސް މައްސަލައެއް ނުވަތަ ފެއިލްވި މުޢާމަލާތެއް ހުރިނަމަ، އެކަމެއް އަވަހަށް ޙައްލުކުރުމަށްޓަކައި ވަގުތުން އެކަމާ ބެހޭ ފަރާތްތަކަށް އަންގާނެ ކަމަށެވެ.



