ފައިސާގެ ބޭނުމުގައި އަމިއްލަ މައިމީހާއަށް އަނިޔާކުރި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މާލެއަށް ނިސްބަތްވާ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރު ކުރުމުން ހަތް ދުވަހަށް ބަންދު ކުރުމަށް އެ ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އޭނާގެ ބަންދާމެދު ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައިވަނީ އެމީހާ އެ ކުށްކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން މިމައްސަލައާ ގުޅިގެން ސީނަށް ދިޔަ ފުލުހުންގެ ބަޔާން ކޯޓުން ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން ކޯޓު އަމުރުގައި ބުނެފައިވަނީ ފެމިލީ ކޯޓުން ނެރެފައިވާ ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވެ، އެ މީހާގެ މަންމަގެ އަތުން ގަދަކަމުން ފައިސާ ހޯދަން އުޅެ، މަންމައަށް ބިރުދައްކައި، ގައިގައި ޖަހައި މާރާމާރީ ހިންގާފައިވާ ކަމަށް އެމީހާގެ މައްޗަށް ތުހުމަތުކުރެވޭ ކަމަށެވެ.
އެ މީހާ ބަންދުކުރަން ޖެހޭ ސަބަބެއް ކަމަށް އަމުރުގައި ބުނެފައިވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.



