މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރުކަމުގެ ދެ މަޤާމު ހުސްވެފައިވާތީ، އެ ކޮމިޝަނަށް ދެ މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އަލުން ހުޅުވާލައްވައިފިއެވެ. މިއާއެކު ބްރޯޑްކޮމްގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލައި، 18 ނޮވެންބަރު 2024 ގައި ކޮށްފައިވާ ނަންބަރު 1/2024/91/ޕީ.އޭ.އޯ-1(އައި.ޔޫ.އެލް) އިޢުލާނު ވަނީ ބާޠިލުކޮށްފައެވެ.
ބްރޯޑްކޮމްގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން 9 ޑިސެންބަރު 2024 ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ. އަދި މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސް އޮފީހުންނެވެ.
މި މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސްގެ އޮފީހުގެ ރިސެޕްޝަނުން ލިބެންހުންނާނެއެވެ. އަދި އެ އޮފީހުގެ ވެބްސައިޓް https://presidency.gov.mv އިން ފޯމު ޑައުންލޯޑު ކުރެއްވޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.


