ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވޮންގ ލިޝިން އާއި އިންޑިއާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު މަނޫ މަހާވަރު، ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލުގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ.
ޗައިނާ ސަފީރު މިނިސްޓަރާ ބައްދަލު ކުރެއްވީ މިމަހުގެ 26 ވަނަ ދުވަހުގައެވެ. އަދި އިންޑިއާ ސަފީރު ބައްދަލުކރެއްވީ އިއްޔައެވެ. މި ދެ ބައްދަލުވުން ވެސް ކުރިއަށް ދިޔައީ ފޮރިން މިނިސްޓްރީގައެވެ.
ޗައިނާ ސަފީރާއި އިންޑިއާގެ ސަފީރު މިނިސްޓަރު ޚަލީލުއާ ބައްދަލުކުރެއްވީ އެ ދެބޭފުޅުންގެ ދައުރު ހަމަވާން ކައިރިވެފައިވާތީއެވެ.
މި ޒިޔާރަތުގައި ޗައިނާ ސަފީރު ވަނީ ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި ކުރިޔަށް ދިޔަ މުހިއްމު މަސައްކަތްތަކާއި ޙާޞިލުކުރެވިފައިވާ ކަންތައްތަކުގެ މައްޗަށް އަލިއަޅުއްވާ ވާހަކަ ދައްކަވާފައެވެ. އަދި މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމައެއް ވެސް ޗައިނާ ސަފީރު ވަނީ ފޮރިން މިނިސްޓަރަށް ދެއްވާފައެވެ.

އިންޑިއާ ސަފީރު ވެސް ވަނީ ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި ކުރިއަށް މުހިއްމު މަސައްކަތްތަކާއި ހާސިލުކުރެވިފައިވާ ކަންތައްތައް މިނިސްޓަރު ޚާލީލުއާ ހިއްސާ ކުރައްވާފައެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އޮކްޓޯބަރު މަހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ފާހަގަކުރައްވާ ދެ ޤައުމުގެ ދެމެދު އެއްބަސްވެފައިވާ ކަންތައްތަކާމެދު މަޝްވަރާ ވެސް ކުރެއްވިއެވެ.



