ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އަށާއި ސަރުކާރުގެ ބައެއް އިސްވެރިންގެ އަބުރަށް އަރައިގަތް ކަމަށްބުނެ ގދ. ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަހުމަދުގެ މައްސަލަ ބަލަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފި އެވެ.
އެއޮތޯރިޓީން ގދ. އަތޮޅު ކައުންސިލު ރައީސް ހަސަން ފައިހަތަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ރައީސް މުޢިއްޒުއަށާއި ސަރުކާރުގެ އިސްވެރިންގެ އަބުރަށް ހުތުރުވާ ގޮތަށް ހަޑި ހުތުރު ބަހުން ގައްދޫ ކައުންސިލްގެ ރައީސް މުއާމަލާތް ކުރި ކަމަށް ބުނެ އަމިއްލަ މީހަކު ވަނީ އެލްޖީއޭ އަށް މައްސަލައެއް ހުށަހަޅާފައި ކަމަށެވެ. އަދި ގައްދޫ ކައުންސިލުގެ ރައީސް މިފަދައިން ވާހަކަ ދައްކާފައިވަނީ އެ ކައުންސިލުގެ ވަޓްސްއެޕް ގްރޫޕަކަށް ފޮނުވި މެސެޖުތަކެއްގައި ކަމަށް ވެސް އެ ސިޓީގައި ބަޔާންކޮށްފައިވާ ކަމަށް އެލްޖީއޭ އިން ބުންޏެވެ.
އެހެންކަމުން ގައްދޫ ކައުންސިލުގެ ރައީސް މުހައްމަދު އަހުމަދުގެ މައްސަލަ ބެލުމަށާއި އެކަން އިސްލާހުކުރަން އެންގުމަށް އެލްޖީއޭ އިން ވަނީ ގދ. އަތޮޅު ކައުންސިލަށް އަންގާފައެވެ. ނަމަވެސް އޭނާއާމެދު އަދި އެކައުންސިލުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.



