ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ފެނަކަ ކޯޕަރޭޝަންގެ ހިއްސާ ގަތުން ހުއްޓާލަން ނިންމައިފިއެވެ.
މިކަން ހާމަކޮށް އެސްޓީއޯ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެސްޓީއޯގެ ސަބްސިޑަރީއަކަށް ފެނަކަ ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް 24 ނޮވެމްބަރު 2024 ވަނަ ދުވަހު މިނިސްޓްރީ އޮފް ފިނޭންސްއިން އެކުންފުންޏަށް އަންގާފައިވާ ކަމަށެވެ.
އަދި އެސްޓީއޯ އިން ސަރުކާރަށް ހުށަހެޅި އެކިއުސިޝަން ޕްރޮޕޯސަލްގައި ހިމެނިފައިވާ ކަންކަން ކުރިއަށްގޮސްފައިވާ މިންވަރަށް ބަލައި، އެސްޓީއޯ އިން ފެނަކައިގެ ހިއްސާ ގަތުމުގެ މަސައްކަތް ހުއްޓާލުމަށް އެކުންފުނީގެ ޑައިރެކްޓަރުންގެ ބޯޑުން މިއަދު ނިންމާފައިވާ ކަމަށް ވެސް އެސްޓީއޯ އިން ބުނެފައިވެއެވެ.
ދަރަނި ބޮޑުވުމުގެ ސަބަބުންނާއި ކުރީގެ މެނޭޖުމަންޓުތަކުގައި އެތެރޭގެ ކޮރަޕްޝަން ބޮޑުވުމުގެ ސަބަބުން ހިންގުމަށް ދަތިވެފައިވާ ފެނަކަ އެސްޓީއޯގެ ދަށަށް ގެންދަން ނިންމީ މިދިޔަ އޮގަސްޓް މަހުގެ 25 ވަނަ ދުވަހު ބޭއްވެވި ކެބިނެޓް ބައްދަލުވުމުގަ އެވެ. އެ ބަދަލާ ގުޅޭގޮތުން ރައީސް އޮފީހުން އެއިރު ބުނެފައި ވަނީ ކެބިނެޓުން އެ ގޮތަށް ފާސްކުރީ ފެނަކައިން ފޯރުކޮށްދޭ ހިދުމަތްތައް ވަރުގަދަ ކުރުމަށާއި ކުންފުނި ދެން ހިންގޭ ގޮތް ހޯދުމަށް ފިނޭންސް މިނިސްޓްރީން ދިރާސާކޮށް ހުށަހެޅި ކަރުދާހެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.



