ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ ވަކި އަދަދެއް ރާއްޖޭގެ ބޭންކުތަކުން މާރުކުރަން ޖެހޭގޮތަށް ލާޒިމްކުރި ގަވާއިދާ ގުޅިގެން 70 ރިސޯޓަކުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ޝަކުވާ ހުށަހަޅައިފިއެވެ.
ރިސޯޓުތަކުގެ އިތުރުން ހޮޓާތަކާއި ގެސްޓް ހައުސްތަކުން ވެސް މިގަވާއިދާއި ދެކޮޅަށް ޝަކުވާ ހުށަހަޅާފައެވެ. އެހެންނަމަވެސް ގެސްޓްހައުސް އެސޯސިއޭޝަނުން ހާމަކޮށްފައިވާ ގޮތުގައި ޑޮލަރު މާރުކުރަން ޖެހޭތީ ގިނަ ގެސްޓްހައުސްތަކުގެ ޝަކުވާ ލިބޭ ކަމަށާއި ޝަކުވާ ހުށަހަޅާނެ ގޮތްތަކެއް ނިންމަމުން އަންނަ ކަމަށެވެ.
މިކަން އެމްއެމްއޭ އިން ކަށަވަރުކޮށްފައި ނުވާއިރު، މިވަގުތު ރާއްޖޭގައި ހިންގާ 174 ރިސޯޓުގެ ތެރެއިން އެންމެ ރިސޯޓެއް ފިޔަވައި ހުރިހާ ރިސޯޓަކުން ވަނީ ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.
އެމްއެމްއޭއިން ނެރެފައިވާ އާ ގަވާއިދުގެ ދަށުން ޓޫރިޒަމް ދާއިރާގެ ހުރިހާ ފެސިލިޓީތަކަކުން ވެސް ކަނޑައަޅާފައިވާ ވަކި އަދަދަކަށް ބޭންކުތައް މެދުވެރިކޮށް ޑޮލަރު މާރުކުރަން ޖެހޭނެއެވެ. އެގޮތުން ކެޓެގެރީ އޭގައި ހިމެނޭ ފަރާތްތަކުން ކޮންމެ ޓޫރިސްޓަކަށް، ބޮލަކަށް 500 ޑޮލަރުގެ ރޭޓުން، ޑޮލަރު މާރުކުރަން ޖެހޭނެކަމަށާއި ކެޓަގަރީ ”ބީ“ ގައި ހިމެނޭ ގެސްޓްހައުސްތަކުން ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރުގެ ރޭޓުން ޑޮލަރު މާރުކުރަން ޖެހޭނެ އެވެ.




